ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ 36 މެންބަރުންގެ ވޯޓާއެކު ކަމަށް ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މިއަދު ބޭއްވި އެމްޑީޕީގެ 101 ވަނަ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
އެކަމުގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް، މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޖީ ބައްދަލުވުމަށް ހުށަހެޅި ބޮޑު އަގުލަބިއްޔަތަކުން ފާސްވެފައިވާ ކަމަށެވެ.
"56 މެންބަރުންގެ ތެރެއިން 42 މެންބަރުން މިއަދުގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ. 42 މެންބަރުންގެ ތެރެއިން އާއްމުކޮށް ރިޔާސަތުން ވޯޓުގައި ބައިވެރިނުވާނެ. އެހެންވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ 41 މެންބަރުން. އޭގެ ތެރެއިން 36 މެންބަރުންގެ ތާއީދާއެކު މި ހުށަހެޅުން ފާސްވެގެން ދިޔައީ،" އަސްލަމް ވިދާޅުވިއެވެ.
ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީން ނިންމި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ނަމެއް އަސްލަމް ވިދާޅެއް ނުވެއެވެ. ނަމަވެސް އަސްލަމް ވަނީ އެ މެންބަރުންވެސް ނަޝީދު ވަކިކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ވޯޓު ނުދެއްވީ އެކަމާ ދެކޮޅު ހައްދަވާތީ ނޫން ކަމަށް ވިދާޅުވެފައެވެ.
"44 ސޮއި ލިބުމުން މި މައްސަލަ މަޖިލީހަށް ވައްދާނަން. ނަމަވެސް އުންމީދު މިކުރަނީ 50 އަށް ވުރެ އަދި އެއަށްވުރެވެސް ގިނަ މެންބަރުންގެ ސޮޔާއެކު މައްސަލަ ވެއްދޭނެކަމަށް" އަސްލަމް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނަޝީދު ވަކިކުރުމުގެ މައްސަލައިގައި ދެކޮޅަށް ވޯޓުދިން މެންބަރުން މިހާރު ވަނީ އެމަނިކުފާނު ވަކިކުރުމުގެ ޕެޓިޝަންގައި ސޮއިކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން 46 މެމްބަރަކު މިހާރުވެސް ވަނީ ސޮއިކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު