ބަންޑާރަނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލުމަށްފަހު، "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރި ފަރާތްތަކަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅަން ފުރުސަތު ދިނުމުން މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން، ޖަލްސާ ކުރިއަށް ނުގެންދެވިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފިއެވެ.

ފަހަކަށް އައިސް އާއްމުކޮށް، މަޖިލިސް ޖަލްސާތަކުގެ ފަހު ދަންފަޅި ކުރިއަށް ގެންދަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެންނެވެ.

އެގޮތުން މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ނިންމަވައިލައްވަމުން ދެން އޮންނަ ދަންފަޅި ކުރިއަށް ގެންދަވާނީ އަފީފުކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އެ ހިސާބުން އޭޖީގެ އިތުބާރުނެތްކަމުގެ މައްސަލަ މަޑުޖައްސާލެއްވީ ކަމަށާއި، އެ ދަންފަޅީގައި ކުރިއަށްގެންދާނީ، ޑިމޮކްރެޓްސް" ގެ ފަރާތުން ހުށަހަޅާ މައްސަލަ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ޖަލްސާގެ ފަހު ދަންފަޅި ފެށުމާއެކު ރިޔާސަތުގައި އިންނަވައި، އަފީފު އެ މައްސަލަ ހުށަހެޅުއްވުމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ފުރުސަތު ދެއްވިއެވެ.

ހަސަން ލަތީފް އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ފެއްޓެވުމުން މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވިއެވެ.

އެންމެ ފަހުން ހަސަން ލަތީފަށް މައްސަލަ ހުށަހެޅޭވަރު ނުވެގެން، ޖަލްސާގެ ނިޒާމު ގެއްލި ކުރިއަށްގެންދެވޭވަރު ނުވާކަމަށް ވިދާޅުވެ އަފީފު މިއަދުގެ ޖަލްސާވެސް ނިންމަވައިލެއްވިއެވެ.