ދުނިޔޭގެ ތިމާވެށީގެ ދުވާހާ ގުޅިގެން އާބަންކޯއިން އިފުތިތާހުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދަން އެކުންފުނިން ނިންމައިފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހުއެވެ.
އާބަންކޯ އިން މިއަދު ބުނީ މި ހަރަކާތް ފަށާނީ އެދުވަހުގެ ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުން ކަމަށެވެ. އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ހަތް ބަޔަކަށް ބަހާލައި ވަކި ޓީމުތަކަށް ބަހާލައިގެން ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށާއި ހަރަކާތް ނިންމާލާނީ ހެދުނު 10:45 ގައި ވޯޓާ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައި ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އާބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން އާބަންކޯއިން ތައާރަފުކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފުކޮށްފައިވާ ކެމްޕޭނެކެވެ.
އާބަންކޯ އިން މައުލޫމާތު ދޭ ގޮތުގައި މި ކެމްޕޭންގެ ދަށުން މުޅި އަހަރަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ވަނީ ރާވައިފައެވެ. އަދި ހުޅުމާލެ އަކީ ތިމާވެއްޓާ ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު