ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން ޖަލްސާ މެދުކަނޑުއްވައިލެއްވުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަޖިލިސް މެންބަރުން މުގާބޭއަށް ގޮވައި އަޑުގަދަކުރައްވައިފިއެވެ.
ޖަލްސާގެ ނިޒާމު ގެއްލުމެއްނެތި ކުރިއަށް ދަނިކޮށް ވަކި ހިސާބަކުން ޖަލްސާ މެދުކަނޑައިލީ ޗާގޯސް ހިމެނޭ ރާއްޖޭގެ ދެކުނު ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި ސަރުކާރުން ވަކާލާތުކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލިކަމަށްބުނެ، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްޗަށް އިތުބާރުނެތް ކަަމުގެ މައްސަލައިގައި، އެކަމާބެހޭ އެއްވެސް ލިޔެކިއުމެއް މަޖިލީހަށް ފޮނުވާފައި ނުވާކަމަށް ވިދާޅުވެ މަޖިލިސް ރައީސް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ރައްދު ދެއްވުމާ ގުޅިގެންނެވެ.
އެ ވާހަކަތަކަށް ގަފޫރު ރައްދު ދެއްވީ، މިއަދުގެ ޖަލްސާގައި ބަންޑާރަ ނާއިބުގެ މައްޗަށް ހުށަހެޅި އިމްތިޔާޒާ ގުޅޭ މައްސަލައިގައިވާ ކަންތައްތަކާއި، އެ މައްސަލައާ ގުޅިގެން އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތާ ގުޅިގެންނެވެ.
ޗާގޯސް މައްސަލައިގެ ލިޔެކިއުންތަކާއި، އެކަމާ ބެހޭގޮތުން މެންބަރުން ކުރައްވާ ސުވާލުތަކަށް ބަންޑާރަ ނާއިބު ތެދުބަހުން ޖަވާބު ދޭން ޖެހޭނެކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
ބަނޑާރަ ނާއިބުގެ މައްޗަށް ހުށަހެޅި އިމްތިޔާޒުގެ މައްސަލަ 48 މެންބަރުންގެ ވޯޓުން ބޭރުކޮށްލި ނަމަވެސް މަޖިލިސް ރައީސް ވިދާޅުވަމުން ގެންދެވީ އެ މައްސަލަ ބަލަން ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ. ނަމަވެސް މަޖިލީހުގައި އާއްމުކޮށް ހިނގަމުން އަންނަ އުސޫލަކީ މަޖިލިސް ތަޅުމަށް ހުށަހެޅޭ މައްސަލައަކަށް ބަހުސްކުރަން ފާސްނުވެއްޖެ ނަމަ އެ މައްސަލައެއް މަޖިލީހުން ބޭރުކޮށްލުމެވެ.
ނިޒާމީ ނުކުތާއެއްގައި މަރަދޫ ދާއިރާގެ މެންބަރު އެވާހަކަ މަޖިިސް ރައީސްގެ ސަމާލުކަމަށްވެސް ގެންނެވިއެވެ.
މަޖިލިސް ގަވާއިދުގެ 183 ވަނަ މާއްދާއާ ހަވާލާދެއްވައި ޝަރީފް ވިދާޅުވީ، މަޖިލިސް ތަޅުމުގައި ވޯޓަށް އަހާ މައްސަލަތަކަށް ބަހުސް ކުރަން ފާސްނުވެއްޖެނަމަ ދެން އެ މައްސަލަ ހުށަހެޅޭނެ ކޮމިޓީއެއް ނޯންނާނެ ކަމަށެވެ.
ނަމަވެސް މަޖިލިސް ގަވައިދާ ހަވާލާދީ އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ހުށަހަހަޅައިފިނަމަ، އެ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެގޮތުން ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މެދު ހެންވޭރުދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަށް އިސްކަން ދޭންޖެހޭކަމަށް ގަވާއިދުގައި ބުނާ ކަމަށެވެ. އެހެންކަމުން ކޮމިޓީއަށް ހުށަހަޅަން ފޮނުވި މައްސަލަ ނުނިމެނީސް އޭޖީގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދަން ޖެހޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުންގެ ނިޒާމީ ނުކުތާތަކާ ގުޅިގެން މަޖިލިސް ރައީސްގެ ވިސްނުން ހުރީ އިމްތިޔާޒުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
އެގޮތުން އިދިކޮޅު ފަރާތްތަކުގެ ނިޒާމީ ނުކުތާތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ޝިޔާމް ހުށަހެޅުއްވި ނުކުތާއަކީ އިތުރަށް ދިރާސާ ކުރަން ޖެހޭ ނުކުތާއެއް ކަމަށެވެ. އަދި މެންބަރަކު ކޮމިޓީއަށް މައްސަލަ ހުށަހެޅުން ނުހުއްޓުވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުށަހެޅުއްވި ނިޒާމީ މައްސަލަތައް މަޖިލިސް ރައީސް ވަނީ ބަލައި ނުގެންފައެވެ.
އެ ކަންތައްތަކާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި، ގަފޫރު ވިދާޅުވީ، "މީގެ އަށް މަސްދުވަސްކުރިން މީގެ ހުރިހާ ލިޔެކިޔުންތަކެއް މަޖިލީހަށް ފޮނުވައިފަ އެބަހުރި، 30 އޮކްޓޫބަރު 2022 ގައި، ނަމަވެސް 241 ކޮމިޓީއަކަށްވެސް މިއިން އެއްވެސް ލިޔެކިޔުމެއް ނާދޭ، އަދި މި މަޖިލީހަކަށްވެސް ނާދޭ، މި މަޖިލީހުގައި އޮވޭ ސިއްރުން މިކަން ކުރެވޭނެ ނިޒާމެއް އެކަށައެޅިފައި، ކީއްވެގެންތޯ މަނިކުފާނު މިހުރިހާ ލިޔުމެއް ފޮރުވައިގެން މިއޮތް ހުރިހާ ދުވަހު ހުންނެވީ،"
އެހިސާބުން މަޖިލިސް ރައީސް ގަފޫރުގެ ވާހަކަ ހުއްޓުވައި މައިކު ކަނޑުއްވައި ލެއްވިއެވެ. އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެ ނިޒާމީ ނުކުތާ ފުރިހަމަކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ގަފޫރު އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. ނަމަވެސް މަޖިލިސް ރައީސް ހަމައެކަނި ވިދާޅުވަމުން ގެންދެވީ، "ޝުކުރިއްޔާ މެންބަރު،" މިހެންނެވެ.
އެހެންކަމުން ގަފޫރު ވިދާޅުވީ، މަޖިލިސް ރައީސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށާއި، މަޖިލިސް ރައީސް ކަންތައް ކުރައްވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.
އެހިސާބުން "މިކަމުގައި ލިޔުންތައްވެސް ބައްލަވަން މެންބަރުން އެދިވަޑައިގަންނަވާ، އިމްތިޔާޒުގެ މައްސަލަވެސް މިއޮތީ ފެށިފައި، އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ މިވަގުތު މަޖިލިސް މެދުކަނޑާލަން ކަމަށް،" ވިދާޅުވެ މަޖިލިސް ރައީސް މަޖިލީހުގެ ޖަލްސާ މެދު ކަނޑުއްވައިލެއްވިއެވެ.
އެގޮތަށް މަޖިލިސް ޖަލްސާ މެދުކަނޑައިލުމުން ގިނަ މެންބަރުންތަކެއް ވަނީ ރައީސް ނަޝީދާ ދިމާލަށް މުގާބޭއޭ ގޮވައި ހަޅޭއްލަވައި އަޑުގަދަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު