ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްގެންދާ އިތުބާރުނެތްކަމުގެ މައްސަލައަށް ޖަވާބު ދެއްވުމުގައި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށްބުނެ ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު، ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅަން ފުރުސަތު ދެއްވުމާ ގުޅިގެންވެސް ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ނިޒާމީ މައްސަލަ ނެންގެވިއެވެ.
އޭގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ގާނޫނު އަސާސީގެ 90 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން އިމްތިޔާޒުގެ މައްސަލައިގައި ހިމެނެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 182 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އެހެންކަމުން އެ ޝަރުތުތައް ފުރިހަމަ ނުވެ، އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވައިގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ މާއްދާ ފެނުނުކަން ނޫން އެހެން އެއްޗެސް ވިދާޅުނުވެ، އަނެއްކާވެސް މައްސަލަ ހުށަހެޅުއްވުމަށް މަޖިލިސް ރައީސް ފުރުސަތު ދެއްވިއެވެ.
މި މައްސަލައިގައި މެމްބަރު ހުސެއިން މުހައްމަދު ލަތީފް، މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފައިވަނީ މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމަށެވެ.
ނަމަވެސް މި މައްސަލަ ހުށަހެޅުމުން، މަޖިލިސް ރައީސް ވިދާޅުވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ދެ މައްސަލައެއް ހުށަހަޅުއްވައިފި ކަމަށެވެ. އެއީ އެ މައްސަލައަށް ބަހުސް ކުރަން ހުށަހެޅި މައްސަލައަކާއި ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައެއް ކަމަށެވެ.
"މެންބަރަށް އެނގިވަޑައިގަންނަވާ މި މައްސަލަ ކޮމިޓީއަށް ވެސް ހުށަހެޅެން އޮތްކަން، މި މައްސަލަ ދެންމެ ތި ހުށަހެޅުއްވީ ތަޅުމަށް، ތަޅުމުން ފާސްވެއްޖެނަމަ މި މައްސަލަ ދާނީ ކޮމިޓީއަށް، އަދި މެންބަރަށް އެބައޮތް މި މައްސަލަ ކޮމިޓީއަށް ފޮނުވައި ކޮމެޓީން ގޮތެއް ނިންމުމަށް އެދިވަޑައިގަތުމުގެ ފުރުސަތުވެސް،"
އެހެން ވިދާޅުވެ މި މައްސަލަ ވޯޓަށް އެއްސެވިއެވެ.
މި މައްސަލަ މަޖިލީހުން ބޭރުކޮށްލީ، އެވަގުތު ޖަލްސާގައި ތިއްބެވި 71 މެމްބަރުންގެ ތެރެއިން، އެ މައްސަލަ ބަހުސްކުރަން ނުފެންނަ ކަމަށް 48 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެމްބަރުންނެވެ. މަޖިލިސް ރައީސް ވިދާޅުވީ އެ މައްސަލަ ފާސްކުރަން މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ.
ސާޅީސް އަށް މެމްބަރުންގެ ވޯޓުން މައްސަލަ ބޭރުކޮށްލި ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، އެގޮތަށް ފާސްވިޔަސް އެ މައްސަލަ ބެލުމަށް، އެ މައްސަލައިގައި ހުށަހަޅާފައިވާ ގޮތަށް މައްސަލަ މަޖިލީހުގެ އިމްތިޔާޒު ހުށަހަޅުއްވާނެ ކަމަށެވެ.
އެނިންމެވުމާ ގުޅިގެން ބައެއް މެންބަރުން ނުރުން ފާޅު ކުރެއްވިއެވެ. އަދި މަޖިލިސް ރައީސް އެގޮތަށް ނިންމެވި އިރު މަޖިލިސް ރައީސްގެ އެންގެވުމަށް މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ވަނީ ހުއްޓާލައިފައެވެ.
އެއީ އެމްޑީޕީގެ 12 މެންބަރުން ޕާޓީން ވަކިވުމާއި އަމިއްލަގޮތުން މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާ ގުޅީވަޑައިގަތުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭގޮތަށް އައި ބަދަލުގެ ސަބަބުން މަޖިލީހުގެ ކޮމިޓީތަކުގައި މެމްބަރުން ހިމެނެންޖެހޭ ގޮތަށް ގެންނަން ޖެހޭ ބަދަލު އަދިވެސް ގެނެސްފައި ނުވާތީއެވެ.
އެ ބަދަލު މަޖިލީހުން ފާސްކުރަންދެން، މަޖިލިސް ރައީސް ވަނީ ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ނުގެންދެވުމަށް އަންގަވައިފައެވެ.
އެ ބަދަލާއެކު ކޮމިޓީތަކުގައި މެމްބަރުން އެތުރިފައިވާ ގޮތް، އިއްޔެގެ ޖަލްސާއަށް ހުށަހަޅުއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި ނަމަވެސް، އެ މައްސަލަ މަޖިލީހަށް ގެނެސްފައެއް ނުވެއެވެ. އެ މައްސަަލަ މަޖިލިސް ތަޅުމަށް ގެންނާނެ ކަމަށް މިދިޔަ ހަފުތާގައިވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަަމަވެސް ނުގެންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު