ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ނުކޮށްފި ނަމަ، މި ބިން ވެގެންދާނީ އަންނަން އޮތް ޖީލުތައް ދިރިއުޅެން ނުރައްކާތެރި ތަނަކަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ތިމާވެށި މިހާރު މި އޮތް ނުރައްކާތެރި ހާލަތުން ސަލާމަތް ކުރެވޭނީ ދިރިއުޅުމުގެ ކޮންމެ ކަމެއް ތިމާވެށިގެ ރައްކާތެރިކަމާ ގުޅުވައިގެން ކަމަށެވެ.

"ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު އަޅުގަނޑުމެން އަމަލީ މަސައްކަތްތަކެއް ނުކޮށްފި ނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު އޮތް ނުރައްކާތެރި ހާލަތުން ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރެވޭނީ، އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ލާމެހިފައިވާ ކަމަކަށް ހަދައިގެންނެވެ." ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެށި ތައައްޔަރުވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުގެ ސަބަބުން ތައްޔަރުވުމުން ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ ދާއިރާއަށް ގެއްލުންވެ، އިގުތިސޯދަށް އެކަމުގެ އަސަރުކުރާނެ ކަމަށެވެ. އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް އެ ދެ ސިނާއަތް ބަރޯސާވާއިރު، ޕްލާސްޓިކުން ކަނޑު ތަގައްޔަރުވިޔަ ނުދިނުމަށް ސަމާލުކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.