ހއ. ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހޯރަފުށި ޖެޓީ ހެދުމުގެ 50 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓު ގާ އެތެރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ހޯރަފުށި އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމުގެ މަސައްކަތާއި ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ އެއާޕޯޓްގެ މަސައްކަތް ނިންމައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ. އެއާޕޯޓް ހުޅުވައިދެއްވީ ރައީސް ސޯލިހެވެ.

ސަތޭކަ ނުވަދިހަ އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެއެވެ.