ޚަބަރު

މި ކުރަނީ އައްޑޫގައި އާ އައްޑޫއެއް ބިނާކުރުމުގެ މަސައްކަތް: ފައްޔާޒު

މުހައްމަދު އިޝާން

ސަރުކާރުން ކުރަމުން މިދާ މަސައްކަތަކީ އައްޑޫ ސިޓީގައި އާ އައްޑޫއެއް ހެދުމުގެ މަސައްކަތް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވަނިކޮށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިގިނލި، ހެރެތެރެ އަދި ހަންކެޑެގެ މަސައްކަތް އަދިވެސް ރަނގަޅަށް ފެށިފައިނުވާ ކަމަށެވެ. އަދި އައްޑޫގައި ޓޫރިޒަމް ނުފެށިގެން އުޅެނީ ރަށް ނެތިގެން ނޫން ކަމަށާއި ޓޫރިޒަމް ނުފެށިގެން އުޅެނީ ސަރުކާރު އިހުލާސްތެރި މަސައްކަތެއް ނުކުރުމުން ކަމަށެވެ.

އަދި ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އާ ޕްލޭނެއް ބޭނުންވެފައިވާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅަކު މިއަދު ކުރެއްވި ޓުވީޓެއްގައި އަލުން އައްޑޫގައި އައްޑޫއެއް ހަދަނީ ކަމަށް ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ހަގީގަތުގަ އެ އިހުލާސްތެރިކަމާ އެކީ ކުރައްވާފައިވާ ޓުވީޓެއް ކަމަށް. ހަގީގަތަކީ އެއީ، ރައީސް އެ ކުރައްވާ މަސައްކަތަކީ އައްޑޫގައި އާ އައްޑޫއެއް ބިނާކުރުން. އެއީ ތިބޭފުޅުން މިއޮތް ހާޒަމާނުގައި އުއްމީދު ކުރެއްވި ހުވަފެނުން ފެނުނު އައްޑޫއަށް ގެންދިޔުމަށްޓަކާ. އެހެންމާ އަޅުގަނޑު ދަންނަވާނީ އިރާދަފުޅު ކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވާނީ ތިބޭފުޅުންނަށް ހުވަފެނުން ފެނުނު އާ އައްޑޫ ބިނާވެގެންދާތަނޭ،" ފައްޔާޒު ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކުރައްވާ ފައްޔާޒު ވިދާޅުވީ "ފަހަތުން ކޭރޭހާ މީހަކަށް ތިމަންނަމެން ބަލައެއް ނޫޅެމޭ" ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އައްޑޫގެ ޓޫރިޒަމުގެ ކުރިމަގު އެމްޑީޕީއަށް އަބަދުވެސް ފެންނަ ކަމަށާއި އެހެންވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ އައްޑޫއަކީ ދެކުނުގެ އިގުތިސޯދުގެ ހަބެއްގެ ގޮތުގައި ތަރައްގީކުރަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމުގެ ކުރިން ރައީސް ސޯލިހު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ފައިސާ ހަމަޖައްސަވާފައި ކަމަށާއި އެ ފައިސާ ހަމަޖައްސަވަން ރައީސް އެދިވަޑައިގަތީ އޭނާ އަރިހުން ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ އައްޑޫ ރައްޔިތުން ބޭނުންވި ކަންކަން ހާސިލުކުރުމަށްޓަކާ ދެކެވުނު ވާހަކަ އަމަލީ ސިފަ ގެނައުމަށްޓަކާ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މަސައްކަތް ފަށައިފި. އަޅުގަނޑާ އެއިރު އެންމެ ކުރިން ހަވާލުކުރި އެއްކަން އެއީ އައްޑޫގެ ތަރައްގީގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް. ރައީސް ހުވާކުރެއްވުމުގެ ކުރިން ފައިސާ ހަމަޖައްސަވާފަ ވަނީ. އެކަމުގަ ބައިވެރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ ވާހަކަ މި ދަންނަވަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ކުރިއެރުވެން އޮތީ އެއާޕޯޓު ތަރައްގީ ވެގެން ކަމަށާއި އިންވެސްޓަރުންވެސް ލިބެން ހުރީ އެއާޕޯޓު ތަރައްގީ ކުރުމުން ކަމަށެވެ. ޓޫރިޒަމުން ނަގާ ޓެކުސްތަކަށް ރައީސް ސޯލިހު ގެންނެވި ހެޔޮ ބަދަލާއެކު އައްޑޫ އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.