ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަންނަ ބުދަ ދުވަހު ފަށަން ހައިކޯޓުގައި ތާވަލު ކޮށްފިއެވެ.
އެ މައްސަލަ ހައިކޯޓަށް ބަލައިގެންފައި ވަނީ ހުސްވި އޭޕްރީލްމަހުގެ ހަތަރެއްގައެވެ. އެއީ ދެވަނަ ފަހަރަށް ހުށަހެޅުމުންނެވެ.
މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް މައްސަލަ ބަލައިގަތުމުގެ ބަދަލުގައި ހައިކޯޓުން އެންގީ އިސްތިއުނާފު ފޯމް އިސްލާހުކުރުމަށެވެ.
ހައިކޯޓުން އެންގި ގޮތަށް އެ ދެ މައްސަލަ އިސްލާހުކުރުމަށްފަހު ދެވަނަ ފަހަރަށް ހުށަހެޅީ މާޗް މަހުގެ 15ވަނަ ދުވަހުއެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލު އަމީން ފައިސަލް މިއަދު ވިދާޅުވީ، މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އެ ކޯޓުން ބަލައިގެންފައިވާ ކަމަށާއި އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީނަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް އާރަށު މައްސަލައިގައި ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް އޮތީ ގެއްލިފައެވެ. އެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނީ އެ ހުކުމް މަތީ މަރުހަލާގައި ބާތިލުކޮށްފިނަމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު