އާބަންކޯ އިން ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ގދ. ތިނަދޫގައި ހަދާ ޑީކޯ ޗެމްބަރުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އާބަންކޯގެ ސީއެސްއާރްގެ ދަށުން ހަދާ އެ ޑީކޯ ޗެމްބަރުގެ މަސައްކަތް މިދިޔަ މާޗު މަހުގެ ތެރޭގައި ފެށި އިރު، އެ ކުންފުނިން ބުނާ ގޮތުން މި މަހުގެ 15 ވަނަ ދުވަހު އެ މަސައްކަތް ނިންމާލެވޭނެއެވެ.
އާބަންކޯގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ޑީކޯ ޗެމްބަރު ހަދަނީ ތިނަދޫ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަމަށާއި އެތަން ހިންގާނީވެސް އެ ހޮސްޕިޓަލުން ކަމަށެވެ. މިއީ ރާއްޖޭގައި ގާއިމުކުރާ ދެވަނަ ޑީކޯ ޗެމްބަރެވެ.
އާބަންކޯގެ މަސައްކަތުގެ ސްކޯޕް ބޮޑުކޮށް، ހުޅުމާލޭގެ އިތުރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނީ ގޯ ބިޔޯންޑް ޕްލޭނެއްގެ ދަށުން އެކި ޕްރޮޖެކްޓުތައް އަންނަނީ ހިންގަމުންނެވެ.
ހުވަދޫ އަތޮޅުގައި އާބަންކޯ އިން ޑީކޯ ޗެމްބަރު ހަދަމުން އަންނައިރު ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ މަސްވެރިން ގިނަ އެއް އަތޮޅެވެ. މަސްވެރިކަމުގައި އުޅޭއިރު، ޑީކޯވުމުގެ ހާދިސާތައް ހިނގުމުން އެ ސަރަހައްދުން ފަރުވާ ހޯދޭނެ ގޮތެއް ނޯވެއެވެ.