ދެ ފަރާތުން ވާހަކަ ދައްކައި، ރެއާލް މެޑްރިޑާއި އެޑެން ހަޒާޑާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލައިފިއެވެ.

އުމުރުން 32 އަހަރުގެ ހަޒާޑް ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަނުގެ ނިޔަލަށް ނަމަވެސް ދެފަރާތުން އެއްބަސްވެ، އެއްބަސްވުން އުވާލަން ނިންމާފައިވާކަމަށް ކްލަބުން އިއުލާނުކުރީ އިއްޔެއެވެ. ރެއާލްއިން ބުނީ ހަޒާޑްގެ ކުރިމަގަށް ކްލަބުން ކާމިޔާބަށް އެދޭ ކަމަށާއި، ރެއާލްގައި ހޭދަކުރަން ޖެހުނު އުނދަގޫ ދުވަސްތަކުގައި ހަޒާޑްގެ ފަރާތުން ފެނުނު ޕްރޮފެޝަނަލް ކަންތައްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ހަޒާޑް، 2019 ވަނަ އަހަރު ރެއާލްއާ ގުޅުނީ ޗެލްސީގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. 89 މިލިއަން ޕައުންޑްގެ ޓްރާންސްފާއަކަށް ރެއާލްއިން ހަޒާޑް ގެންދިޔައީ ފޯމު ރަނގަޅުކޮށް ހުއްޓައިވެސް މެއެވެ. އޭނާ ވަނީ ޗެލްސީއަށް ކުޅުނު 352 މެޗުގައި 110 ގޯލު ޖަހައިފައެވެ.

ރެއާލްއަށް ބަދަލުވިފަހުން ހަޒާޑްގެ ކުޅުން ވަރަށް ބޮޑަށް ދަށްވެ، ފިޓްނަސް މައްސަލަތައް ޖެހިފައިވެއެވެ. އަނިޔާގެ އެތައް މައްސަލައެއްގައި ހަޒާޑްގެ ކެރިއަރު އެއްކޮށް ގެއްލިގެން ގޮސްފައިވާ އިރު، މިދިޔަ ހަ ވަރަކަށް ސީޒަނުގައި ހަޒާޑަށް ރެއާލް ޖާޒީގައި ކުޅެވުނީ އެންމެ 76 މެޗެވެ. އެ މެޗުތަކުގައި އޭނާއަށް ރެއާލްއަށް ޖެހުނީވެސް އެންމެ ހަތް ގޯލެވެ.

ހަޒާޑް ރެއާލްއަށް ގިނަ މެޗުތަކެއް ނުކުޅެ ހުރި ނަމަވެސް އޭނާއަށް ކްލަބުގައި ކާމިޔާބީތަކެއް ލިބިފައިވެއެވެ. އެގޮތުން އެ ކްލަބާއެކު ޗެމްޕިއަންސް ލީގާއި ކްލަބު ވޯލްޑް ކަޕްގެ އިތުރުން ދެ ފަހަރަށް ލީގުވެސް ހަޒާޑް ކާމިޔާބު ކޮށްފައިވެއެވެ.

ރެއާލްގެ އެއްބަސްވުން އުވާލައި ހަޒާޑް ކުރިމަގަށް ނިންމާނެ ވަކިގޮތެއް އަދި އިއުލާނު ކޮށްފައިނުވާ އިރު، ބައެއް ނޫސްތަކުން ބުނެފައި ވަނީ އޭނާ ފުޓުބޯޅައިން ރިޓަޔާކުރަން ވިސްނާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ހަޒާޑްގެ ފަރާތުން އަދި ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.