ބެލްޖިއަމް ޓީމު ތެރޭގައި ނުތަވަސްކަމެއް އުޅޭކަމަށް މިދިޔަ ދެތިން ދުވަހުގެ ތެރޭގައި މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. ހާއްސަކޮށް މޮރޮކޯ މެޗުގެ ކުރީންނާއި، އެމެޗުގެ ފަހުން މީޑިއާގައި އެކިއެކި ކުޅުންތެރިން ދެއްކި ވާހަކަތަކުންވެސް ބެލްޖިއަމް ޓީމު ތެރޭގައި ކޮންމެވެސް ނުތަވަސްކަމެއް އުޅޭކަން ވަނީ ފާހަގަވެފައެވެ. އެވާހަކަތައް މީޑިއާގައި ގިނަވެ، ޓީމުގެ ދެ ކެޕްޓަނުން ކަމަށްވާ އެޑެން ހަޒާޑާއި، ތިބޯ ކޯޓުއާއަށް ވަނީ ނޫސްވެރިންނާ ކުރިމަތިލާން ޖެހިފައެވެ.
މައްސަލަ ފެށުނު ހިސާބަށް ބަލައިލަމާ ހިނގާށެވެ. މޮރޮކޯއާ ދެކޮޅަށް ކުޅެ ބެލްޖިއަމް ބަލިވި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އިތުބާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވަނީ "ވޯލްޑް ކަޕް ހޯދޭ ވަރަށްވުރެ ޓީމު މާ މުސްކުޅި،" ކަމަށް ބުނެފައެވެ. އޭގެ އިތުރުން އެކަމަށް ބާރުދީ އެޑެން ހަޒާޑްވެސް ވަނީ ނޫސްވެރިންނާ ވާހަކަ ދައްކާފައެވެ. ހަޒާޑް ބުނީ 2018 ގެ ޓީމާ އަޅައިބަލާއިރު، މިހާރު އޮތް ޓީމު ނިސްބަތުން މުސްކުޅި ކަމަށާއި، އޭގެ ސަބަބުން ކުޅުމުން ލަސްކަމެއްވެސް ފާހަގަވާ ކަމަށެވެ.
ބެލްޖިއަމުން މޮރޮކޯ ކައިރިން ބަލިވި މެޗަށްފަހު ހަޒާޑާއި ޑި ބްރޭނާގެ އެ ވާހަކަތަކަށް ކޯޗު ރޮބާޓޯ މާޓިނޭޒަށް ރައްދު ދޭން ޖެހުނު އިރު، އޭނާ ބުނީ ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ތެރެއިން ކުޅުންތެރިން އަބަދުވެސް އިންޓަވިއުތައް ދޭން ޖެހޭ އިރު، އެފަދަ ގޮތަކަށް ބައެއް ބަސްތަކުން މާނަ ނަގައިގެން ނޫސްވެރިން ވާހަކަ ދެއްކުން އެއީ އާކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކަށްވެސް އަމިއްލަ ވިސްނުން ހާމަކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް މާޓިނޭޒް ބުނި އިރު، އޭނާ ބުނީ އެކަހަލަ ވާހަތައް ގޯސްވަނީ ނޫސްތަކުގައި ލިޔާ ގޮތުން ކަމަށެވެ.
ބެލްޖިއަމް ޓީމުގެ ނޫސްކޮންފަރެންސްތައް އެހާ ބޮޑަށް ގޯސްކޮށް އޮތް އިރު، މޮރޮކޯ މެޗަށްފަހު ޑިފެންޑަރު، ޖޭން ވަޓޮންގަން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ނުސީދާ ގޮތަކަށް ޑިބްރޭނާގެ އިންޓަވިއު އާއި ހަޒާޑްގެ ވާހަކަތަކަށް ރައްދުދީފަ އެވެ. ވަޓޯންގަން ބުނީ ފަހަރުގައި މޮރޮކޯ އަތުން ބަލިވީ އެޓޭކް ގޯސްވެގެން ކަމަށް ވެދާނެ ކަމަށާއި އެޓޭކްގައި ތިބީ "އުމުރުން ދުވަސްވެފައި" ތިބި ކުޅުންތެރިންނަށް ވުން އެކަށީގެންވާ ކަމަށެވެ.
އެހެން ވަޓޮންގަން ބުނުމާއެކު ޓީމުގެ ތަމްރީނުތަކުގެ ތެރޭގައި އަރައިރުމަކަށް ދިޔަކަމަށްވެސް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ. ޓީމު ތެރޭގެ ވާހަކަތަށް އެހެން މީހުންނަށް ކިޔައިދޭ ކުޅުންތެރިޔަކު އުޅޭކަމަށްވެސް މީޑިއާގައި އަޑު ފެތުރުމުން، އެ ހުރިހާ ވާހަކައެއް "ފިނި" ކުރުމަށް އެންމެފަހުން ޕްރެސްއަށް ދިޔައީ ހަޒާޑާއި ކޯޓުއާއެވެ. ކުރިން ތާވަލު ކޮށްފައި އޮތް ގޮތުން އެ ޕްރެސްއަށް ދާން އޮތީ ވަޓޮންގަން އާއި ޔަނިކް ކްރެސްކޯ އެވެ.
"ޓީމުގައި މާ ބޮޑު އެއްވެސް މައްސަލައެއް ނެތް. ދެއްކި ވާހަކަތައް މާ ބޮޑުކޮށްގެން މީޑިއާއިން އުޅެނީ. ޓީމް ބައްދަލުވުމެއް އިއްޔެ ބޭއްވިން. އެއީ އެއްގަޑިއިރަށްވުރެ ދިގު ބައްދަލުވުމެއް. އެތައް ކަމެއް ހައްލުކުރަން ވާހަކަ ދެއްކި. އެބައްދަލުވުމުގައި ކޯޗު މާޓިނޭޒްވެސް އިންނާނެ. ދެން އޮތީ އަނެއް މެޗަށް ތައްޔާރުވުން. ޓީމު ތެރޭގައި ވާހަކަ ދެއްކުން އެއީ ކޯޅުމެއް އޮވެގެން ކުރަން ޖެހޭ ކަމެއް ނޫން،" ހަޒާޑް ބުންޏެވެ.
ހަޒާޑް ބުނީ މެޗަށްފަހު ވަޓޮންގަންއާ، އިންޓަވިއުއާ ގުޅޭ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާނެ ކަމަށާއި، ޑި ބްރޭނާ އުމުރުގެ ވާހަކަ ދެއްކީ ޖޯކަކަށް ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. މޮރޮކޯ މެޗަށްފަހު ހުރިހާ ކުޅުންތެރިންވެސް ރުޅި ގަދަވީ ބައްޔަކާއެކު "ފްރަސްޓްރޭޓް،" ވުމުން ކަމަށްވެސް ހަޒާޑް ބުންޏެވެ.
"މާ ބޮޑަށް އޮޅުވާލައިގެން ވާހަކަތައް ފަތުރަނީ. އެމެޗުން ބަލިވީމަ ޓީމު ހިތްހަމަ ނުޖެހިފައި ތިބި ކަމަށް އަހަރެމެންވެސް ގަބޫލުކުރަން. އެކަމަކު އަހަރެން ގޮނޑިތައް ހަލާކުކޮށްލި ވާހަކަވެސް އެއީ ދޮގެއް. ޓީމު ތެރޭގެ ވާހަކަ ބޭރުގައި ދައްކާނެ މީހެއް ނުހުންނާނެ. އެ ދައްކާ މީހަކު އެނގޭ ހިސާބުން އެ ކުޅުންތެރިޔަކު ޓީމުން ބޭރުވެސް ވާނެ،" ބެލްޖިއަމްގެ ވައިސް ކެޕްޓަން ކޯޓުއާ ޕްރެސްގައި ބުންޏެވެ.
ބެލްޖިއަމުން މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ކެނެޑާ ކައިރިން މޮޅުވި ނަމަވެސް އެމެޗުގައިވެސް ފެނުނީ ދަށް ކުޅުމެކެވެ. ދެން ކުޅުނު މެޗުގައި މޮރޮކޯ އަތުން ބަލިވެ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވާން އޮތީ މަޖުބޫރު ވެފައެވެ. ބެލްޖިއަމް ގްރޫޕް ސްޓޭޖު ފަހު މެޗުގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެމެޗު އޮންނާނީ މާދަމާ ރޭގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022