ބެލްޖިއަމްގެ ކެޕްޓަން، އެޑެން ހަޒާޑް ގައުމީ ޓީމުން ރިޓަޔާކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ހަޒާޑް ގައުމީ ޓީމުން ރިޓަޔާކޮށްފައި ވަނީ މިއަހަރުގެ ވޯލްޑް ކަޕުން އެޓީމަށް ކުރިމަތިވި ނާކާމިޔާބީގެ ވެސް ސަބަބުންނެވެ. ހަޒާޑް ފޭސްބުކްގައި ނެރުނު ބަޔާނުގައި ބުނީ މިއީ ކެރިއަރުގެ ޗެޕްޓަރެއް ނިންމާލަން ޖެހުނު ދުވަހެއް ކަމަށާއި ކެރިއަރުގައި އެތަކެއް ދުވަހެއް ވަންދެން ސަޕޯޓަރުންނާއި އެކުވެރިން އަދި އާއިލާއިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
"2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އަހަންނަށް ކުރެވުނު އުފާވެރިކަމުގެ އިހުސާސަށް ޝުކުރު އަދާކުރަން. އަހަރެން މިއަދު ނިންމައިފިން ގައުމީ ޓީމުގެ ކެރިއަރު މިހާ ހިސާބުން ނިންމާލަން. އަހަރެންގެ ފަހަތުން ގައުމީ ޓީމްގައި ކާމިޔާބު ހޯދަން ތިބި މީހުން ތިބީ ތައްޔާރަށް،" ހަޒާޑް ބުންޏެވެ.
ހަޒާޑް ބެލްޖިއަމް ޖާޒީގައި ފުރަތަމަ މެޗު، އުމުރުން އެންމެ 17 އަހަރުގައި ކުޅެފައި ވަނީ 2008 ވަނަ އަހަރުއެވެ. އެގައުމުގެ ޖާޒީގައި ހަޒާޑް 126 މެޗު ކުޅެފައިވާ އިރު، 33 ގޯލް ޖަހައިދީފައިވެއެވެ. ހަޒާޑް ބެލްޖިއަމް ޖާޒީގައި ފުރަތަމަ ކުޅުނު މެޗުގައި ލަކްސަންބާގާ ދެކޮޅަށް ކުޅެފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމާއެކު ދެ ވޯލްޑް ކަޕެއްގެ އިތުރުން ދެ ޔޫރޯއެއްގައި ކުޅެފައެވެ.
ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި 56 މެޗެއް ކުޅެފައިވާ ހަޒާޑް ވަނީ ބެލްޖިއަމާއެކު ވޯލްޑް ކަޕް ތިންވަނަ 2018 ވަނަ އަހަރު ހޯދައިފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކަޓައިގެން ދިޔުމާއެކު ހަޒާޑް ރިޓަޔާކޮށްފައިވާ އިރު، ކޯޗުކަމުގައި ހުރި ރޮބާޓޯ މާޓީނޭޒް ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ.
ހަޒާޑްގެ ކެރިއަރުގައި އޭނާ އެންމެ ބޮޑަށް ވިދާލީ ޗެލްސީގައެވެ. އެޓީމުގައި ހަތް ސީޒަނެއް ހަޒާޑް ހޭދަކޮށްފައިވާ އިރު، އޭނާ ވަނީ ދެފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕާއި ލީގު ކަޕްވެސް ކާމިޔާބު ކޮށްފައެވެ. ޗެލްސީގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ހަޒާޑް ފާހަގަވެފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޔޫރޮޕާ ލީގުވެސް ދެފަހަރަށް ކާމިޔާބު ކޮށްފައެވެ.
ހަޒާޑް 2019 ވަނަ އަހަރު ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވީ 150 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައެވެ. އެ ޓްރާންސްފާއަށްފަހު ހަޒާޑަށް އަނިޔާގެ ބޮޑެތި މައްސަލަތައް ދިމާވެ، ރެއާލްގައި ފެންނަނީ އަދިވެސް ފޯމު ދަށްކޮށެވެ. މިހާތަނަށް މި ސީޒަނުގައިވެސް ހަޒާޑް އަދި ފެނިގެން ގޮސްފައި ވަނީ ހަ މެޗެއްގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022