ބެލްޖިއަމްގައި އުފެދިގެން އައި ތަރިންގެ "ރަން ޖީލު" މިހާރު މުސްކުޅި ވެއްޖެ ކަމަށް ކެޕްޓަން އެޑެން ހަޒާޑް ބުނެފިއެވެ.

ބެލްޖިއަމް އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ނިންމާލީ ތިންވަނަ ޓީމުގެ ގޮތުގައެވެ. މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕްގައި އެންމެ ގިނަ ތަރިން އުފެއްދި، ފުޓުބޯޅައިގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ބެލްޖިއަމް މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ އެ ގައުމުގެ "ރަން ޖީލުގެ" ނިމުމަށެވެ. އެކަން ކެޕްޓަން ހަޒާޑްވެސް ގަބޫލުކުރެއެވެ.

"ތެދަށް ބުނަންޏާ މީގެ ހަތަރު އަހަރު ކުރިން ބެލްޖިއަމްއަށް ވޯލްޑް ކަޕް ނެގުމުގެ މާބޮޑު ފުރުސަތެއް އޮތް. އެހެންވިޔަސް، އަހަރެމެންގެ ޓީމުގައި މިހާރުވެސް ކޮލިޓީ އެބަހުރި މެޗުތަކުން މޮޅުވެ މުބާރާތް ނަގަންވެސް. އެހެންވިޔަސް ބައެއް ކުޅުންތެރިން އެބަ ތިބި މިހާރު މާބޮޑަށް އުމުރުން ދުވަސްވަމުންދާ. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ، އަހަރެންގެ ޓީމުގައި އެބަހުރި ދުނިޔޭގެ އެއްވަނަ ގޯލްކީޕަރާއި އެއްވަނަ މިޑްފީލްޑަރުވެސް. އަދި މޮޅެތި ފޯވަޑުންނާއެކު އެ ކުޅުންތެރިން މޮޅަށް ބޭނުންވާވަރު ބޮޑު،" އުމުރުން 31 އަހަރުގެ ހަޒާޑް ބުންޏެވެ.

ބެލްޖިއަމް އިން މި ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ހަނިގޮތަކަށް ކެނެޑާ ކައިރިން ސަލާމަތްވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗަށްފަހު މިއަދު މޮރޮކޯއާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ކެނެޑާ މެޗުގައި ސަލާމަތްވީ ކިރިޔާ ކަމަށާއި އެ މެޗުގައި ކެނެޑާ މާރަނގަޅަށް ކުޅުނު ކަމަށެވެ.

އެ ވާހަކައާއެކު ކެޕްޓަން ހަޒާޑްވެސް ބުނީ ފުރަތަމަ މެޗުގެ ބިރު އެ މެޗުން ފެނުނު ކަމަށާއި ފޯމް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"ފޯމް ރަނގަޅު ކޮށްގެން ބެލްޖިއަމްއަށް ވޯލްޑް ކަޕް ނެގިދާނެ. އެކަމަކު އެ ނޫން ގޮތަކަށް ވޯލްޑް ކަޕް ނަގަން އުނދަގޫވާނެ. ފުރަތަމަ މެޗުވީމަ އެ މެޗުގައި އުނދަގޫތަކެއް ދިމާވި. ބިރުގަންނަހެން ހީވި މުހިންމު ޕާސްތައް ޖަހަންވެސް،" ރެއާލް މެޑްރިޑްގައި ފޯމު ދަށްކޮށްދިޔަ ހަޒާޑް ބުންޏެވެ.

ހަޒާޑް ބުނީ ޗެލްސީ ދޫކޮށްލި ފަހުން ކުޅުން ދަށްވުމުން ވަރަށް ބޮޑަށް ފާޑުކިޔާ ކަމަށާއި ނަމަވެސް އެކަމަށް ފޯކަސް ނުބަހައްޓާ ކަމަށެވެ. ހަޒާޑާއި ބެލްޖިއަމުން ގްރޫޕް ޖީން ގަދަ 16އަށް ދާން ބޭނުންވަނީ ތިން ޕޮއިންޓެވެ.

ބެލްޖިއަމްއާ މޮރޮކޯގެ ކުރިމަތިލުން އޮންނާނީ އިރުއޮއްސި 6:00 ގައެވެ.