މިރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ހަތްވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފިއެވެ.
އިނގިރޭސި ތާރީހީ ސްޓޭޑިއަމް ވެމްބްލީގައި މިރޭ ކުޅުނު ފައިނަލުގައި ސިޓީން ޔުނައިޓެޑް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. 2018-19 ވަނަ އަހަރަށްފަހު ސިޓީން އިނގިރޭސި އެފްއޭ ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވާ އިރު، މިއީ އެޓީމުން މި ސީޒަނުގައި ކާމިޔާބުކުރި ޑޮމެސްޓިކް ދެވަނަ ތަށްޓެވެ. ސިޓީން ސީޒަނުގެ ލީގުވެސް ޔަގީން ކޮށްފައިވާ އިރު، އެޓީމަށް ތާރީހު ލިޔެލަން ދެން އޮތީ ޗެމްޕިއަންސް ލީގު ފައިނަލެވެ.
މީގެ ކުރިން އިނގިރޭސި ޓީމަކުން ސީޒަނުގެ ބޮޑު ތިން ތަށި ކާމިޔާބުކޮށްފައިވަނީ 1999 ވަނަ އަހަރުއެވެ. އެފަހަރު ޓްރެބަލް ކާމިޔާބުކުރުމުގެ ޝަރަފު ހޯދި ޓީމަކީ ސިޓީގެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާން ބަލިކޮށް، ސިޓީއަށް އެ ކާމިޔާބީ ތަކުރާރުކުރުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ.
މިރޭގެ މެޗު ފެށިގެން 13 ވަނަ ސިކުންތުގައި ސިޓީން ލީޑު ނެގިއެވެ. އެ ގޯލަކީ ގުންޑޮގަން ވޮލީއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އެއީ އިނގިރޭސި ތާރީހުގައިވެސް ކަޕް ފައިނަލެއްގައި ފެނިގެން ދިޔަ އެންމެ އަވަސް ގޯލެވެ.
ސިޓީން މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓް ކުރަމުން ދިޔަ އިރު، އޭގެ ފަހުން އާލިން ހާލަންޑަށް ލިބުނު ފުރުސަތުގައި އޭނާއަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. ޔުނައިޓެޑުން ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރީ ޕެނަލްޓީއެއްގައެވެ. އެޓީމަށް 30 ވަނަ މިނެޓުގައި ޕެނަލްޓީ ލިބުނީ ސިޓީ އޭރިއާ ތެރެއިން ޖެކް ގްރީލިޝް އަތުގައި ބޯޅަ ޖެހުމުންނެވެ.
ޕެނަލްޓީގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ.
މެޗުގެ ދެވަނަ ހާފުވެސް ސިޓީން ވަރުގަދަކޮށް ފެށި އިރު، އެޓީމުގެ ދެވަނަ ގޯލު 51 ވަނަ މިނެޓުގައި ޖަހައިދިނީވެސް ގުންޑޮގަންއެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހުގައި ގުންޑޮގަން ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ އަތުގައި ޖެހިފައެވެ.
ޔުނައިޓެޑުން މެޗު ނިމިނިމި އޮއްވައި އެއްވަރުކުރުމާ ގާތަށް ޖެހިލި ނަމަވެސް، ބަދަލަކަށް ނުކުތް އަލެހާންޑްރޯ ގާނާޗޯ ޖެހި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ މަތީ ދަނޑީގައި ޖެހިފައެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް