އައްޑޫ ސިޓީ މަރަދޫ އިން - އަލީ ޔާމީން
ރާއްޖެއަށް އަންނަ ހެޔޮބަދަލު ފުރަތަމަ ފާހަގަޖެހޭ ތަނަކީ އައްޑޫ ސިޓީ ކަމަށާއި މިއަދު އޮތީ މަންޒަރު ދެކި ހެކިވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ފެށުމުގެ ގޮތުން މަރަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދަކީ ތަރައްގީގެ ހެޔޮ ފާހަގަ ފެށޭ، އައްޑޫ ސިޓީގެ މި ބިމަށް ތަރައްގީގެ ހެޔޮ ބަދަލު އަމަލީގޮތުން އައުމުގެ ދުވަސް ކަމަށެވެ.
"ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފުރަތަމަ ފާހަގަ ޖެހޭ ތަނަކީ އައްޑޫ ސިޓީ. މިއީ ކުރިންވެސް އަޅުގަނޑު ދަންނަވާ ވާހަކައެއް. މިއަދު އޮތީ ވާހަކައެއް ދެންނެވުމެއް ނޫން. މިއަދު އޮތީ މި ފެންނަ އަމަލީ މަންޒަރު ދެކި، އެކަމަށް ހެކިވުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންސާނީ ހައްގާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމުގެ ބަދަލަކީ ފަހުގެ ތާރީހުގައި ރާއްޖެ ފުރޮޅުނު ބޮޑު އިންގިލާބު ކަމަށާއި އެ މަފްހޫމު އެންމެ ފުރަތަަމަ ފަހުމުވި ރައްޔިތުންގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުން ހިމެނުނު ކަމަށެވެ. އަދި އެ ދުވަހު އޮތީ މި ދެކޭ މަންޒަރާއި މާދަމާގެ ކުރިއެރުމާއި ތަރައްގީގެ މޭވާއަކީ ފޮނި އެއްޗަކަށް ވުމަށް ދިވެހިން ކުރިން އުންމީދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ އުންމީދަކީ އޭގެ ރަހައެއް ވަހެއް ކުލައެއް ނުލިބި، ތާއަބަދަށް ކުރާ ހަނގުރާމައަކަށް ވުމަށް އެއްވެސް ރައްޔިތަކު އެއްވެސް އިރަކު ނޭދޭ. ދައްޗާއި ތުރާލާއި އުނދަގުލާއި ބުރަ ތަހައްމަލު ކުރަނީ އޭގެ ފަހަތުން ލިބޭނެ ހަމަޖެހުމާއި ފަސޭހައިގެ އެދުމުގައި. އެ ދުވަހު ރައްޔިތުން އުފުލި ތަކުލީފުގެ އެ މަރުހަލާ ނިމިއްޖެ. މިއަދު އައްޑޫ ސިޓީންނާއި މުޅި ރާއްޖޭގެ ހުރިހާ ރަށަކުން މި ފެންނަ މަންޒަރަކީ އެ ދުވަހު ރުވި ގަސްތަކަށް ރޫފަ ޖެހި، ކުރިލާ ހެދޭ މަންޒަރު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫ ސިޓީ ބަދަލުކުރުމަކީ މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށާއި އަޑު މަޑުކުރުމަށްފަހު މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން ކަމަށެވެ. އަދި އައްޑޫއަށް ބަދަލު އަންނާނީ އައްޑޫ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދުވެސް އެނގޭ ކަމަށް ވިދާޅުވިއެވެ.