ހަތް ފޮޅުވަތުގައި ގެނެސްދޭނީ މުޖުތަމައުގެ ތެރެއިން ފެންނަ ނުވަތަ އިވުނު އަޑެއްގެ ވާހަކައެވެ. ކޮންމެވެސް މުހިންމު ކަމެއް ވާހަކައެވެ. މާބޮޑު ތަފްސީލެއް ނޯންނާނެ އެވެ. އިންޓަވިއުތަކެއްވެސް ނުހުންނާނެ އެވެ. އޮންނާނީ ހަތް ފޮޅުވަތެވެ. މަޝްވަރާއާއި ބަހުސް ދޫކޮށްލާނީ ކިޔުންތެރީންނަށެވެ.
------------------
ޖާގަ ތަނަވަސް ހުޅުމާލޭގެ ފުރަތަމަ ފޭހުގައި، ހުރަވީ ސްކޫލް ހުޅުވި ދުވަހު އިއުލާނުކޮށްފައިވާ ގޮތުގައި އެއީ މުޅި ރާއްޖޭގައި ވެސް ހުރި އެންމެ ބިޔަ އަދި ބޮޑު ސްކޫލެވެ. އެކަމަކު ޒަމާނީ ތައުލީމާއި އެކުއެކީ ދުނިޔަވީ ހަޔާތަށް ބޭނުންވާ ފަދަ ކަންކަން ދަންނަ، ހަރަކާތްތެރި މީހެއްގެ ގޮތުގައި ދަރިވަރުން ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރުމުގެ ވިސްނުމުގެ ބަދަލުގައި، މި ބިޔަ، ބޮޑު، ސްކޫލްގެ ކޮންސެޕްޓުގައި އިސްކަންދީފައި ވަނީ ހަމައެކަނި ކޮންކްރީޓު އިމާރާތެއް ނަގައި ކޮޅަށް ޖެހުމަށެވެ.
ހުރަވީ ސްކޫލު އިމާރާތްކޮށްފައިވާގޮތަށް ބަލާއިރު، ކުދީން އުޅޭނޫޅޭގޮތް އެންމެ ރަނގަޅަށް ބެލޭނެތޯ، މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. ސްކޫލުގެ ޖުމުލަ ކެޕޭސިޓީއަކީ 3000 ކަމަށްވާއިރު، މިހާރުވެސް 2600 އަށްވުރެ ގިނަ ދަރިވަރުން އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން ގެންދެއެވެ.
ބިމުގެ ޖާގައިގެ ގޮތުން ބަލާއިރު މާ ތަނަވަސްކަން ކުޑަ، މާލޭގެ ގިނަ ސްކޫލްތަކުގައި ވެސް ދަރިވަރުންގެ އިތުރު ހަރަކާތްތަކަށް ބޭނުންކުރެވޭނޭ ހުސް ބިންތަކާއި ޓާފް ދަނޑުތަކަށްދާންދެން އެބަހުއްޓެވެ. އެކަމަކު ހުރަވީ ސްކޫލުގައި އޮތް، ގޯޅިއެއްވަރުގެ ހުސްތަންކޮޅަށް އެއްފަހަރާ މަދުކުދީންކޮޅެއް ނުކުތަސް ނޭވާ ހާސްވާނެއެވެ.
ހުރަވީ ސްކޫލަށް ވަދެގެންދާއިރުއިރު، ކޮންކުރީޓްތަކެއްގެ ތެރެއަށް ވަދެގެންދާ ފަދަ އިހުސާސެއް ނޫނީ ނުލިބޭ މި ސްކޫލުގެ ދަރިވަރުންގެ އަމަލީ ތަޖުރިބާތަކާއި، ހަރަކާތްތެރި ދިރިއުޅުމަށް ބޭނުންވާ ތައުލީމު އުނގަންނައިދިނުމަށް އެ ސްކޫލަށް ބޭނުންވާ ހުސްބިން އިތުރުކޮށްދިނުމަކީ މިއަދު ސަރުކާރުން ކުރާން މަޖުބޫރުކަމެއް ނޫންހެޔެވެ؟