މިދިޔަ ހަފުތާގައި ސީއޭ މެޓީރިއަލްގެ ގޮތުގައި ގަނެގެން ސްކޫލަށް ގެންދާން އަންގާފައި އޮތީ، ބޮޑުފެންފުޅީގެ ތިންގަނޑު މައްޗާއި، އޭޕްރޯނަކާއި ފޯމު ބޯޑަކާއި ބޮޑު ޖޭމުފުޅިއެއްގެ މަތިގަނޑެކެވެ. މި ހަފުތާއަށް އޮތީ، އޭފޯސައިޒުގެ ކަޅުގަނޑަކާއި، އޭފޯ ސައިޒުގެ އެހެން ތިން ކުލައެއްގެ ތިން ގަނޑާއި ޖޫގޯބޯ ހޮޅިއަކާއި އެހެންނިހެން ބުއިންތައް ބޯން ބޭނުންކުރާ އާދައިގެ އެއް ހޮޅިއެވެ. ތަންކޮޅެއް ކުރީން، ލަކުޑި ކީހައިގެން އެކި ސައިޒަށް ބުރިކޮށްގެން އެވެސް ގެންދާން ޖެހިފައި އެބަހުއްޓެވެ.

ރާއްޖޭގައިވެސް ހުރިހާ ސްކޫލެއްގައި މިކަން މިހެނެއް ނޯވެއެވެ. ރާއްޖޭން ބޭރުގެ ގައުމުތަކުގެ ސްކޫލްތަކުގައި ބެލެނިވެރީން މި ގޮތަށް ބޭރުތެރޭ ދުއްވައިގެން ތަކެތި ގަނެގެން ސްކޫލަށް ގެންދާކަށް ނުޖެހެއެވެ. ދަރިވަރުންގެ ތައުލީމާއި ތަރުބިޔަތަށް ބޭނުންވާ ކަންކަން ހިންގަނީ ސްކޫލުގައި ހުންނަ ވަސީލަތްތަކުގެ އެހީގައެވެ.

ވަގުތު ފަހައި ދުވާން ޖެހޭ، ބިޒީ ހަޔާތެއްގައި އަހަރެންމެން އެންމެންވެސް އުޅޭއިރު، މި ކަންކަން ފަސޭހަކޮށްލައިގެން، (ސަރުކާރުގައި ފައިސާ ނެތްނަމަ، ކޮންމެ ދުވަހަކު ގަންނަން ނުޖެހޭ ގޮތަށް އެޑްވާންސްކޮށް ބެލެނިވެރިން އަތުން އެއްޗެއް ނަގައިގެން ނަމަވެސް) ސްކޫލް ސިސްޓަމުގެ ތެރޭ ހިމަނައިގެން މި ތަކެތި ގެންދެވޭނެ ގޮތެއް ހަމަ ނެތީހެއްޔެވެ؟