ރާއްޖޭގައި ޑިގުރީއާއި ހަމަޔަށް ތައުލީމު "ހިލޭ" ވީތާ އެތައް އަހަރެއް ވެފައިވާއިރު، ހިލޭވުން މިއީ ކިހިނެއް މާނަކުރާން ޖެހޭ އެއްޗެއްތޯ ވިސްނައި ސުވާލު ކުރާން އެބަ ޖެހެ އެވެ. މާލީ ތަނަވަސްކަން ކުޑަވުމުންނާއި ދަރީންގެ ތައުލީމަށް ޓަކައި މާލޭގައި ތެޅޭން ޖެހޭ ގަނަ އާއި އެކު، ބެލެނިވެރީން ކުރާން ޖެހޭ ފިކުރުގެ ބޮޑުކަމުންނެވެ.
ތައުލީމު ހިލޭ ވުމަކީ ސްކޫލަށް ފީއެއް ދައްކާން ނުޖެހުމާއި ފޮތްލިސްޓު ސަރުކާރުން ދިނުން ހެއްޔެވެ؟ ހަމަގައިމުވެސް ކޮންމެވެސް ނަމެއްގައި، ދަރިވަރުގެ ތައުލީމާ ގުޅުންހުރި ހާހެއްހައި ރުފިޔާގެ އެއްޗެހި (ކޮންމެ ކުއްޖަކަށް) ގަންނާން ނުޖެހޭ މަހެއް ނުދެއެވެ. ބައެއް ސްކޫލުތަކުގައި ހޫނުގަދަކަމުން، ކުލާސްރޫމްތައް އޭސީކޮށް، ފަސޭހަ ތައުލީމަށް ސްމާޓް ޓީވީ ހަރުކުރަނީވެސް ބެލެނިވެރީންނެވެ. މިނޫނަސް ކިތަންމެ ކިތަންމެ ނަމެއްގައި، ބެލެނިވެރިޔާ އަބަދުވެސް އޮންނަނީ ލޯބިވާ ދަރިފުޅު ދެރަވެދާނެތީ، އެކުއްޖާ ބާކީވެދާނެތީ، ސަލާން ޖަހައިގެންވިޔަސް އެކުއްޖާގެ ކިޔެވުމާ ގުޅޭ ކޮންމެވެސް މުހުތާދެއް ފުއްދާން ޖެހިފައެވެ.
މީގެ އިތުރުން، ޕީޓީއޭ ނުކުމެ އަބަދު އަބަދު ފަންޑްރައިސް ކުރުމާއި، އެކަންކަމަށް ބެލެނިވެރިޔާ ކުރާން ޖެހޭ ހޭދައާއި މި ހުރިހާ ކަމަކަށް ވިސްނުމުން، ފެންނާން އޮތް ހަގީގަތަކީ، ޑިގުރީއިން ފެށިގެންވެސް ދަށަށްވެސް، ދަރިވަރުންގެ ތައުލީމަށް ބޭނުންވާ ވަސީލަތްތަކާ އެކު ފައްކާކުރެވިފައިވާ "ހިލޭ" ތައުލީމުގެ ނިޒާމެއް ރާއްޖޭގައި ނެތް ކަމެވެ.
-----------------------
ހަތް ފޮޅުވަތުގައި ގެނެސްދޭނީ މުޖުތަމައުގެ ތެރެއިން ފެންނަ ނުވަތަ އިވުނު އަޑެއްގެ ވާހަކައެވެ. ކޮންމެވެސް މުހިންމު ކަމެއް ވާހަކައެވެ. މާބޮޑު ތަފްސީލެއް ނޯންނާނެ އެވެ. އިންޓަވިއުތަކެއްވެސް ނުހުންނާނެ އެވެ. އޮންނާނީ ހަތް ފޮޅުވަތެވެ. މަޝްވަރާއާއި ބަހުސް ދޫކޮށްލާނީ ކިޔުންތެރީންނަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް