Close
ޚަބަރު

ކޮންމެ ބައެއްގެ އަތުގައި ޗާގޯސް އޮތަސް 200 ނޯޓިކަލް މޭލު ހޯދަން ވަކާލާތު ކުރުމުގެ ހައްގު ލިބިގެންވޭ: އާޒިމާ

މުހައްމަދު އިޝާން

ޗާގޯސް އައިލެންޑު ސިޔާސީ ބާރު މޮރިޝަސް ނޫން އެހެން ގައުމަކަށް އޮތް ނަމަވެސް ރާއްޖެއަށް 200 ނޯޓިކަލް މޭލު ކަނޑުގެ ސަރަހައްދެއް ހޯދަން ވަކަލާތު ކުރުމުގެ ހައްގު ލިބިގެންވާކަމަށް ކުރީގެ އެޓާނީ ޖެނެރަލް އާޒިމް ޝުކޫރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީ، މޯލްޑިވްސް ނެޝަނަލް ޕާޓީ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" ކާނިވަލުގައި ރޭ ބޭއްވި "ބާނާ ބާނާ ތިއްބާ ތިޔަ ވިއްކާލި ކަނޑު" ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ގައުމުގެ ހައްގު މުދަލެއް ގެއްލުމަކީ ކަންބޮނޑުވާކަމެއް ކަމަށެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކަނޑައަޅައި، އެކަމުގެ ޗާޓުތައް ޔުނައިޓެޑް ނޭޝަންސްއަށް ހުށަހަޅާފައި ކަމަށެވެ. ރާއްޖޭގެ ދެކުނުން މެރިޓައިމް ބައުންޑަރީއެއް ނެތްކަމަށް ސަރުކާރުން ބުންޏަސް، ގާނޫނުގައި ވަނީ ދެކުނުގެ ބައުންޑަރީ ކަނޑައަޅައިފައި ކަމަށެވެ.

"ކޮންމެ ބައެއްގެ އަތުގަ ޗާގޯސް އޮތަސް އަޅުގަނޑުމެންނަށް 200 ނޯޓިކަލް މައިލްސްގެ ކްލެއިމް އޮންނާނެ. އެހެންވީމާ ޗާގޯސްގެ ސިޔާދަތީ ބާރުގެ ވާހަކަ އަޅުގަނޑުމެން ނުދައްކައިގެން މި ނުލިބުނު ވާހަކައަކީ ޖަސްޓިފައިޑް ވާހަކައެއް ނޫން" އާޒިމް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ ބަލައިގަންނަ އެއްޗެއް ނޫންކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ވިދާޅުވިނަމަ، އެ ސިޓީއަށް ރިއާޔަތްކޮށް އިޓްލޮސްއިން މައްސަލަ ނުނިންމާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރެވޭނެކަމަށް އާޒިމާ ވިދާޅުވިއެވެ. ކަނޑުގެ ސަރަހައްދު ހޯދަން ބޭނުންނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މީހުން ދިރިނޫޅޭ ތަނަކަށް ހަވާލުކުރީ ކީއްވެގެންކަމަށް ސުވާލުކޮށް، އަދި ހުކުމް ގަބޫލު ނުކުރާކަން އިޓްލޮސްއަށް ރިފްއަތު އަންގަންވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ތާއީދު ބޭނުމެއް ނުވާނެ ކަމަށާއި ދިވެހި ދައުލަތުގެ ގާނޫނުއަސާސީގެ ބެލެނިވެރިޔާއަކީ ބަންޑާރަނައިބު ކަމަށް އާޒިމާ ވިދާޅުވިއެވެ.