ރާއްޖޭގެ ކަނޑުން ސަރަހައްދެ ބޭރު ބަޔަކަށް ސަރުކާރުން ދޫކޮށްލި ކަމަށް ތުހުމަތުކޮށް، ޕީޕީއެމް/ޕީއެންސީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީީ) އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ "ފިކުރެއްގެ ދިރުމުން" ބޭއްވި "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލި ކަނޑު" ޖަލްސާގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރިނުވުމަށް އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފައިވަނިކޮށް، އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެމްބަރެއް ކަމަށްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.
ގާސިމް، ޖުމްހޫރީ ޕާޓީގެ ވަޓްސްއެފް ގްރޫޕަކަށް މިދިޔަ އަންގާރަ ދުވަހު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ އެ އެއްވުމުގެ ބޭނުމާއި އެ އެއްވުމުގެ ނަތީޖާ ޖޭޕީގެ މެމްބަރުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން ޕާޓީގެ ކައުންސިލުން އެންމެ ފަހުން ނިންމި ނިންމުމާ އެއްގޮތަށް ޕާޓީގެ ލީޑާޝިޕުން އަމަލުކުރަންވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ފަހުން ދުވަހު ބޭއްވުނު ޕާޓީގެ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގައުމުގެ އަމަން އަމާންކަމާއި އާންމު މަސްލަހަތަށް ރިއާޔަތްކޮށް މި ޕާޓީ އާއި މި ޕާޓީގެ ލީޑާޝިޕުން ދެމިތިބޭން ވާނީ މިފަދަ ދަތި ދަނޑިވަޅެއްގައި ގައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެން،" ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް މިގޮތަށް ވިދާޅުވެފައިވާ އިރު، ޗާގޯސް މައްސަލައިގައި ހަދާފައިވާ ކޯލިޝަންގައި އަލީ ހުސައިން ވަނީ ޖޭޕީ ތަމްސީލް ކުރައްވައިފައެވެ.
ކާނިވާލުގައި މިރޭ ބޭއްވި "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލި ކަނޑު" ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވިޔަސް އަދި ކޮންމެ ހާލެއްގައި ވިޔަސް ގައުމުގެ މިނިވަންކަމާ ޖެހުމުން، ގައުމުގެ ހައްގުގައި ނުކުމެވަޑައިގަންނަވާނެ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ކަނޑުން ބައެއް ގެއްލުމަކީ ދިވެހިންގެ ޝަރަފާއި ކަރާމަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންނެވި އިރު، ރާއްޖޭގެ މަސްކަނޑުގެ ނިސްބަތަކީ ނުވަތަ ކަނޑައަޅައި ވަކިން ހާއްސަކޮށްފައިވާ އިގުތިސޯދީ ސަރަހައްދަކީ 200 ނޯޓިކަލް މެއިލް ކަމަށް ކަނޑައެޅި ގާނޫނަށް ވޯޓު ދެއްވާފައިވާ ކަމަށެވެ.
ނަމަވެސް މިއަދު އެ މަނިކުފާނުގެ ސަރުކާރުން ވަނީ ރާއްޖޭގެ މަސްކަނޑުން ބައެއް ވިއްކާލާފައި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
"ހަގީގަތުގައި ފަހުގެ ތާރީހެއްގައި ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނަތްތެރިވި މީހެއްގެ ގޮތުގައި ލިޔެވިގެންދާނެ މި ސަރުކާރުގައި ތިއްބެވި މީހުން. މި ސަރުކާރުގެ ވާހަކަ ދިވެހި ތާރީހުގައި ލިޔާނީ ގައުމަށް ހިޔާނަތްތެރިވި، ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައި،" އަލީ ހުސެއިން ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ހުކުމާ ހިސާބުން ކަރުއެލުވާލައި، ދެން ކަނޑުގެ ސަރަހައްދު ނުލިބޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގެއްލުނު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކުރެވޭނެ ބައިވަރު ކަންކަން އެބުހުރި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ޗާގޯސް މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަމަލުކުރެއްވީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތާއި ދިވެހިންގެ ހައްގުގައި ނޫން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.