ޗާގޯސް އައިލެންޑަކީ މީގެ ކުރިން ރާއްޖޭގެ ބައެއް ކަމަށާއި އެތަން ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ، މޯލްޑިވްސް ނެޝަނަލް ޕާޓީ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" ކާނިވަލުގައި މިރޭ ބޭއްވި "ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލި ކަނޑު" ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ މީގެ 1،600 އަހަރުން ކުރިން ޗާގޯސްއަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ޗާޓުތަކުގައި ކުރަހާފައިވާ ކަމަަށެވެ.
"އެ ޒަމާނުގެ މެޕުތަކުގައި އަޅުގަނޑުމެންގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ދައްކައިފައި އޮތް ތަނެއް އަޅުގަނޑުމެންނަށް ލިބެން ޖެހޭނެ. އެހެންވީމާ އަޅުގަނޑުމެން ދިވެހި ސަރުކާރަށް މި ފުރުސަތުގައި، އަދި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން މި ދޫކޮށްލި ބައި އަނބުރާ ހޯދުމަށް ދަންނަވާލުމާއެކު މި ގޮވައިލަނީ އެ ތަން ވެސް ހޯދަން މަސައްކަތްޕުޅު ކުރައްވާށޭ،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރު ވިދާޅުވީ ފަރަންސޭސީވިލާތުން ޗާގޯސް އިސްތިއުމާރު ކުރި އިރުވެސް ޗާގޯސްގައި ވަޒަންވެރިވެ، ދިރިއުޅެމުން ދިޔަ ބަޔަކު ނެތް ކަމަށެވެ. މޮރިޝަސްއިން ޗާގޯސްއަކީ އެ ގައުމުގެ ބައެއް ކަމަށް ދައުވާކުރި ނަމަވެސް އެގޮތަށް އަދި ކަނޑައެޅިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ވަކާލާތު ކުރުމަށް އައްޔަން ކުރި ބޭރުގެ ވަކީލުން ރާއްޖޭގެ މަސްލަހަތު އިޓްލޮސްގައި އިސްކޮށްފައިނުވާ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސޯދު ވަނީ ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައި ކަމަށާއި ރާއްޖެ އާއި އެހެން ގައުމެއްގެ އިގުތިސޯދީ ސަރަހައްދާ ފުށުއަރާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އިޓްލޮސްގެ ނިންމުމާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންނާ ކުރާ ޖެއްސުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. މުނައްވަރު ވިދާޅުވީ ޗާގޯސްއަކީ މީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށާއި އެއީ ގައުމެއްގެ ބައެއް ކަމަށް ކަނޑައަޅައިފައިވާ ތަނަކަށް ނުވާތީ، ޗޯގޯސްއިން ފެށިގެން ބޭސްލައިން ކުރަހައި އިގުތިސޯދީ ސަރަހައްދުތަކެއް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޗާގޯސް ޑީކޮލޮނައިޒް ކުރި ކަމަށް ވާނީ ރާއްޖެއަށް އެތަން ލިބުމުން ކަމަށެވެ.