އޭޝިއާ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް އާއުކުޅުތައް އީޖާދުކޮށްފިކަމަށް އދ އިން ބުނެފިއެވެ.

އދގެ ކަމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން މަސްތުވާތަކެތި ވިޔަފާރީގައި އެއްގައުމުން އަނެއް ގައުމަށް އެކްސްޕޯޓު ކުރުމުގައި ހާއްސަކޮށް މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމުގައިވާ މެތުގެ އިތުރުން އައިސް ޓްރެފިކް ކުރުމަށް އާ އުކުޅުތައް މިހާރު ވަނީ ބޭނުންކުރާން ފަށާފައެވެ.

ރިޕޯޓުގައިވާގޮތުން ގޭންގުތަކުން މަސްތުވާތަކެތި ގައުމުތަކަށް އެތެރެކުރުމުގައި މިހާރު ބޮޑަށް އިހުތިޔާރުކުރަނީ ކަނޑުމަގެވެ. އެގޮތުން ތައިލެންޑާއި ޗައިނާއަށް އެތެރެކުރުމަށް ކަނޑުމަގުން އުނދަގޫދަތުރުތަކެއް ކުރާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އދގެ ކަމާބެހޭ އިދާރާއިން ވަނީ މެތުގެ އިތުރުން އެހެނިހެން ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތްތައް އެންމެ ގިނައިން އުފައްދައި އޭގެން ވިޔަފާރި ކުރަނީ މިޔަންމާއިން ކަން ފާހަގަކޮށްފައެވެ.

މިޔަންމާއިން އުފައްދާ މަސްތުވާތަކެތި ލާއޯސް އާއި ކެމްބޯޑިއާ އަދި ތައިލެންޑުގެ ބޯޑަރުތަކުން އޭޝިއާގެ އެހެން ގައުމުތަކަށް އެކްޕޯޓުކުރާކަމަށް އދގެ މި ރިޕޯޓުގައި ވެއެވެ.

2022 ވަނަ އަހަރު އޭޝިއާގެ އެކި ސަރަހައްދުތަކުން 151 ޓަނުގެ މެތު އަތުލައިގަނެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.