ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އިން އުފައްދާ އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން 3560 ފޯމް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެ ޕާޓީގެ 12 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 24ގަ އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސްދުވަސް އިލެކްޝަނުން ދިނެވެ.

ޑިމޮކްރެކްޓްސް އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކޮށް ހަ ފޮއްޓާއި ސިޓީއުރައަކާ އެކު ޕާޓީ ރަޖިސްޓްރީކުރުމަށް ހުށަހެޅުއްވީ އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ފޯމުތަކާ އިލެކްޝަންސްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާއެވެ.

ދަރުބާރުގޭގައި، އެ ފޯމުތައް އީސީއަށް ހަވާލުކޮށްދެއްވުމަށްފަހު ހަސަން ލަތީފް ވިދާޅުވީ، ހުށަހެޅި ހުރިހާ ފޯމެއްގައިވެސް އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށާއި މިއަދު ހުށަހެޅި ފޯމުތައް ޕްރޮސެސްކޮށް ވީހާވެސް އަވަހަކަށް އެ ޕާޓީ ރަޖިސްޓްރީކޮށްދިނުމަށް އީސީގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ

"ދަ ޑިމޮކްރެކްޓްސް" އިން ވަނީ އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަރު ނެރޭނެކަން އިއުލާނުކޮށްފައެވެ.