ހަންގޭރީގެ ބުޑަޕެސްޓްގައި ރޭ ކުޅުނު ޔޫރޮޕާ ލީގު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރޯމާ ބަލިކޮށް، ސެވިއްޔާއިން ރެކޯޑު ހަތްވަނަ ފަހަރަށް ޔޫރޮޕާ ލީގު ތަށި އުފުލާލައިފިއެވެ.
ޕުސްކަސް އެރީނާގައި 60000 ސަޕޯޓަރުން ވަދެ އޮތް ފައިނަލުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނުއިރުވެސް ދެޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން، ރޭގެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސެވިއްޔާގެ މޮރޮކޯ ގޯލްކީޕަރު ޔާސީން ބޯނޫ ތަފާތު ދެއްކި އިރު، ސެވިއްޔާ މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
ސެވިއްޔާއިން ޔޫރޮޕާ ލީގުގެ ފައިނަލުގައި މިހާތަނަށް ކުޅުނު ހަތް ފަހަރުވެސް އެޓީމުން ތަށި ހޯދާފައިވާ އިރު، ރޭގެ ފައިނަލަކީ ޖޯސޭ މޮރީނިއޯއަށް ޔޫރަޕްގައި ކުރިމަތިވި އުނދަގޫ ބައްޔެކެވެ. ރޭގެ މެޗަށް ނުކުތް އިރު މޮރީނިއޯ އޮތީ އޭގެ ކުރިން ޔޫރަޕްގެ މުބާރާތްތަކުގައި ކުޅުނު ފަސް ފައިނަލުންވެސް މޮޅުވެފައެވެ. އޭގެ ތެރޭގައި ދެ ޗެމްޕިއަންސް ލީގު ފައިނަލާއި ޔޫރޮޕާ ލީގުގެ ފައިނަލެއްވެސް ހިމެނެއެވެ. އަދި މިދިޔަ އަހަރު މޮރީނިއޯ ވަނީ ރޯމާއާއެކު ކޮންފަރެންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.
ރޭގެ މެޗު ފެށިގެން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ސެވިއްޔާއިން ނަމަވެސް އެޓީމަށް ރޯމާގެ ޑިފެންސް ފޫއަޅުވައިލުންވީ އުނދަގޫ ކަމަކަށެވެ. އަނެއްކޮޅުން ކައުންޓާއަށް ކުރިއަށް ޖެހޭ ކޮންމެ ފަހަރެއްގައި ރޯމާއިން ދިޔައީ ނުރައްކާ ކުރަމުންނެވެ.
ފުރަތަމަ ހާފުގައި ރޯމާގެ ލިއެނާޑޯ ސްޕިނަޒޯލާ ޖެހި ބާރު ހަމަލާއެއް ސެވިއްޔާ ގޯލްކީޕަރު ބޯނޫ މަތަކޮށް ބޭރުކޮށްލި އިރު، އެޓީމުން ހާފު ނިންމާލީ ލީޑުގައެވެ. މެދުތެރެއަށް ޖެހި އިޓަލީ މިޑްފީލްޑަރު މަންޗިނީ ދުއްވާލި ތުރޫ ބޯޅަ ރަނގަޅަށް ކޮންޓްރޯލްކޮށްލައި ގޯލަށް ވައްދާލީ ޕައުލޯ ޑީބާލާއެވެ.
ފުރަތަމަ ހާފުގައި ފުރުސަތުތައް ތަނަވަސްކޮށް ކުޅުނީ ރޯމާއިން ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ސެވިއްޔާއިން އެޓީމުގެ އެޓޭކް ވަރުގަދަ ކުރިއެވެ. އަރިމަތިން ނެގި ހުރަސްތައް އިތުރުކޮށްފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އެޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފު ފެށިގެން ސެވިއްޔާއިން ނަތީޖާ ހަމަހަމަ ކުރީ ޖީސަސް ނަވާސްގެ ހުރަހަކުން، ރޯމާގެ މަންޗިނީ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލަކުންނެވެ. ނަވާސްގެ އެ ގޯލާއެކު ސެވިއްޔާއިން ހިތްވަރު ހޯދި ނަމަވެސް، ރޯމާގެ ޑިފެންސް ފެނުނީ ވަރުގަދަ ކޮށެވެ. ހާއްސަކޮށް ރޯމާ ފަހަތުން ކްރިސް ސްމޯލިންގެ ކުޅުން ފާހަގަކޮށްލެވުނެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރޯމާއަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވާ އިރު، ޓެމީ އަބްރަހަމް އާއި އަންދްރޭއާ ބެލޮޓީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ބެލޮޓީ ހިލޭ ޖެހުމަކަށް ކުރިއަށް ޖެހި ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ކީޕަރު ބޯނޫ އަތުގައި ޖެހިފައެވެ. އިތުރު ވަގުތު ނިމެން ދަނިކޮށް ސްމޯލިން ކޯނަރަކަށް އަރައި ޖެހި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.
މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ބޯނޫ ދެ ސޭވްކޮށް ސެވިއްޔާ މޮޅުކޮށްދިން އިރު، ސެވިއްޔާގެ ފަހު ޕެނަލްޓީ ވައްދާލައި ތަށި ޔަގީންކޮށްދިނީ ގަތަރު ވޯލްޑް ކަޕް 2022 ގައި އާޖެންޓީނާގެ ފަހު ޕެނަލްޓީވެސް ކާމިޔާބު ކޮށްދިން ގޮންޒާލޯ މޮންޓިއާލް އެވެ.