ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި މިރޭ ރޯމާއިން ސެވިއްޔާއާ ދެކޮޅަށް ނުކުންނާނެއެވެ. މިދިޔަ އަހަރުގެ ކޮންފަރެންސް ލީގު ކާމިޔާބު ކުރި ރޯމާއިން މިރޭ ނުކުންނާނީ ޔޫރޮޕާ ލީގުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމާ ދެކޮޅަށެވެ. ސެވިއްޔާ ވަނީ ޔޫރޮޕާ ލީގު، ރެކޯޑު ހަ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެއީ 2006، 2007، 2014ގެ އިތުރުން 2015 އާއި 2016 އަދި 2020 ވަނަ އަހަރުގެ މުބާރާތްތަކެވެ.
ރޯމާއަށް މިހާތަނަށް ޔޫރޮޕާ ލީގު ކާމިޔާބުވެފައި ނެތް ނަމަވެސް، އެ ޓީމުން މިރޭގެ ފައިނަލަށް ނުކުންނާނީ ޔޫރަޕްގައި ހުރި އެންމެ ކާމިޔާބު އެއް ކޯޗާ އެކުގައެވެ. ޕޯޗުގަލްގެ އުމުރުން 60 އަހަރުގެ ޖޯސޭ މޮރީނިއޯއެވެ. މޮރީނިއޯގެ ކެރިއަރަކީ ދުނިޔޭގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ކްލަބު ކެރިއަރެވެ. އޭނާގެ ކާމިޔާބީތަކުގެ ތެރޭގައި ޔޫރަޕްގެ ކާމިޔާބީތައްވެސް ގިނައެވެ. ޔޫރަޕްގެ ފައިނަލްތަކުގައި މޮރީނިއޯ އަތުގައި އޮތީ 5-0ގެ ރެކޯޑެވެ. އެއީ ކުޅުނު ހުރިހާ ފައިނަލަކުންވެސް މޮޅުވެގެންނެވެ.
ޕޯޓޯ އާއެކު 2003 ވަނަ އަހަރު ޔޫއެފާ ކަޕް ނަގައި، 2004 ވަނަ އަހަރު އެ ކްލަބާ އެކު ޗެމްޕިއަންސް ލީގުވެސް މޮރީނިއޯ ކާމިޔާބު ކުރިއެވެ. އޭގެ ފަހުން 2010 ވަނަ އަހަރު އިންޓަ މިލާނާ އެކުވެސް މޮރީނިއޯ ޔޫއެފާ ޗެމްޕިއަންސް ލީގު ނަގާފައިވާ އިރު، 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާއެކުވެސް އޭނާ ޔޫރޮޕާ ލީގު ނެގިއެވެ.
މޮރީނިއޯއާ އިދިކޮޅަށް ނުކުންނަ ސެވިއްޔާގެ ކޯޗު، އުމުރުން 62 އަހަރުގެ ޖޯސޭ ލުއިސް މެންޑިލިބާއަށް ޔޫރަޕްގައި މާބޮޑު ތަޖުރިބާއެއް ނެތެވެ. އޭނާއަށް އަދި ޔޫރަޕްގައި ކޯޗުކަން ކޮށްދެއްވުނީވެސް މޮރީނިއޯ ވާދަކުރި ފައިނަލްތަކަށްވުރެވެސް މަދު މެޗުތަކެއްގައެވެ. ނަމަވެސް މެންޑިލިބާގެ ނަޒަރުގައި ފެވަރިޓުންނަކީ ސެވިއްޔާއެވެ. އެއީ ތާރީހަށް ބަލައިގެންނެވެ.
"މި ސީޒަނުގައި ސެވިއްޔާ އޮތީ އުނދަގޫ ހާލަތެއްގައި. އެހެންވީމަ މި ފަހަރު ޔޫރޮޕާ ލީގުގެ ފައިނަލަށް ސެވިއްޔާ ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުވެސް ނުކުރާނެ. ނަމަވެސް މި ތިބީ ފައިނަލުގައި. އަހަންނަށް ހީވަނީ ސެވިއްޔާއަކީ ފެވަރިޓުންހެން. އެއީ މިހާތަނަށް މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައި އޮތީމަ. ބައެއް މީހުން ދެ ޓީމު އަޅާކިޔާނީ ބަޖެޓުން، އަނެއް ބަޔަކު ތާރީހުން. ކޮންމެ ގޮތަކަށް ބެލި ކަމަށްވިޔަސް ހެޔޮ. އަހަރެން ނުބުނާން ސެވިއްޔާއަށް މިކަން ނުވާނެއެކޭ. މެޗު ވާނީ 50-50ގެ މެޗަކަށް،" މެންޑިލިބާ ބުންޏެވެ.
މެންޑިލިބާގެ އެ ވިސްނުމާ މޮރީނިއޯ ދިމާ އިދިކޮޅެވެ. އެހެންވާނެވެސްތާއެވެ. މޮރީނިއޯއަކީ އަބަދުވެސް ވަރުގަދަ ގޮތެއްގައި ހުންނަ ކޯޗެކެވެ. ދުލެއް ނުދޭނެއެވެ. ފައިނަލުގެ ކުރިން އޭނާ ހުރީވެސް "މޮރީނިއޯ"ގެ ވިސްނުމުގައެވެ. ގަދަފައި ވިއްދާފައެވެ.
"އަހަރެން ސެވިއްޔާ ކޯޗަށް އިހުތިރާމު ކުރަން. އެއީ އަހަންނާ އެއް ޖީލެއްގެ، އަހަންނާ އެއް ދުވަސްވަރެއްގެ ކޯޗެއް ހަމަ. ހަމަ މިހެން އިސްތަށިވެސް ހުދުވެފައި އެ ހުރީ. އެކަމަކު އެ ދައްކާ ވާހަކަ ގަބޫލެއްނުކުރަން. ތާރީހަކުން މެޗުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ. ތާރީހު ސެވިއްޔާ އަތުގައި އޮތަސް، އެއީ ފެވަރިޓުންނެއް ނޫން،" މިރޭ ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި އޮންނަ ފައިނަލަށް ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ އިތުރަށް ބުނީ އޭނާގެ އަމިއްލަ ތަޖުރިބާ ފައިނަލުގެ ތަފާތަކަށް ވާނެ ކަމަށާއި އެއީ އޭނާ ބޭނުންކުރާނެވެސް ކަމެއް ކަމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ފައިނަލަށް ތައްޔާރުވާން މޮރީނިއޯ ރޯމާގެ ތަމްރީނުތައް ކުރުވަމުން ދިޔައީ ވަރަށް ބޮޑަށް ސިއްރުންނެވެ. ހާއްސަކޮށް ޓީމުގެ ބައެއް އޮފިޝަލުންނަށްވެސް ތަމްރީނުތަކަށް ވަނުމަށް ފުރުސަތު ދީފައިނުވާ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.
މިރޭގެ ފައިނަލަކީ ދެ ޓީމަށްވެސް ޗެމްޕިއަންސް ލީގުގެ ޖާގައަކަށް މުހިއްމު ފައިނަލެކެވެ. ރޯމާއަށްވެސް އިޓަލީ ލީގުގެ ގަދަ ހަތަރެއް ހޯދިފައިނުވާ އިރު، ސެވިއްޔާ މި ސީޒަން ނިންމާލީ ސްޕެނިޝް ލީގުގެ 11 ވަނައިގައެވެ. އެހެންކަމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައަކަށްވެސް މިރޭގެ ފައިނަލް މުހިންމެވެ.