ޗާގޯސް މައްސަލައިގައި، ނިންމެވި ނިންމެވުމަކީ، ގާނޫނާ ހިލާފު ނިންމުމެއްކަމަށް ބުނެވޭނެ ގާނޫނީ އެއްވެސް ހެއްކެއް، ގަރީނާއެއް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެންބަރުން ދެއްކިފައިނުވާ ކަމަށް އެޓާނީޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި އޭޖީގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން ލިޔުމުން މަޖިލީހަށް ފޮނުއްވި 37 ނުކުތާގެ ޖަވާބުގައި އޭޖީ ވިދާޅުވެފައި ވަނީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާ އަންކްލޮސްގެ ދަށުން މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިޓްލޮސް އަށް ހުށަހެޅި މައްސަލައިގައި، ދައުލަތުން ނަގާފައިވާ ސްޓޭންޑަކީ ކަމާ ބެހޭ ގާނޫނުތަކާއި ފެންނަން ހުރި ހަގީގަތްތަކާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޔާއަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މޮރިޝަސްގެ އީއީޒެޑާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ޑިލިމިޓު ކޮށްދިނުމަށް އެދި މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާއިން ބަންޑާރަ ނައިބަށް ލިބިދޭ ދުސްތޫރީ ބާރުގެ ތަރަހައިން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ކަނޑުގެ އިން ވަކިކުރި އިރު ރާއްޖޭގެ މަސް ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އޭނާގެ މައްޗަށް ހުށަހަަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ ހަގީގަތެއް ނެތް، އޮޅުވައިލުމެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެއީ "ރައްޔިތުންނަށް އޮޅުވާލައި, ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމުގެ މަގުސަދުގައި ހުށަހެޅި މައްސަލައެއް،" ކަމަށްވެސް ވިދާޅުވިއެވެ.
ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންގޮސްފައެއްނުވެއެވެ. އެއީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބުދާރީވުމަށް މަޖިލީހަށް ފޮނުއްވާފައިވާތީ، އުފެދުނު ހިޔާލުތަފާތުވުމާ ގުޅިގެންނެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މެންބަރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ މެންބަރަކަށް ލިބިގެންވާ ކަމަށެވެ.
މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ މާއްދާގައި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާކަމަށް ބުނެފައި އެވަނީ، މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާއިރު، އެކަމާބެހޭ ކިތާބީ ހެއްކާއި ޑޮކިއުމެންޓްރީ އެވިޑެންސް ހުށަހެޅުމަށް ކަމަށެވެ. އޭގެ މާނައަކީ މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ދެއްވުން ނޫން ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީ މެންބަރުން ވިދާޅުވީ، ލިޔުމުން ޖަވާބުދާރީ ވުމާއި، މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބޭނުންވާހިނދެއްގައި ބޭނުންކުރައްވަން އޮތް ފުރުސަތެއް ކަމަށާއި، އޭގެން ކޮންމެ ހައްގެއްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރު ބޭނުންވެއްޖެ ހިނދެއްގައި ދޫކޮށްލެވިދާނެ ކަމަށެވެ.
ލިޔުމުން ޖަވާބުދާރީވާން އޭޖީ މަޖިލީހަށް ފޮނުއްވާފައި ވަނީ ހާޒިރުވެވަޑައިގަތުމަށް ލިބިވަޑައިގެންފައިވާ ފުރުސަތު ބޭނުން ކުރައްވަން ބޭނުން ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ހިޔާލުތަފާތުވުން ބޮޑުވެގެން، މަޖިލިސް ރައީސ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ ވާހަކަ ދއްކައިގެންވެސް ގޮތެއްނުފެނުުމުން، އެ މައްސަލަ ކުރިއަށް ގެންދިއުން ފަސްކޮށް، އެކަމާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގަތުމަށް މަޖިލިސް ރައީސް ނިންމެވިއެވެ.