އެމްޑީޕީން އާޓިފިޝަލް ބީޗުގެ ކުރިމަތީގައި ހިންގަމުން އައި ހަރުގެ، އެ ގޯތީގެ ވެރިފަރާތުން އަތުލުން ހުއްޓުވޭނެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އެމްޑީޕީގެ މައިގެ ހަރުގެ ހިންގަމުން ދިޔައީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ޝަފިއްޔާ ޒުބޭރުގެ ގޯތީގައެވެ. އެމްޑީޕީއަށް ހަރުގެ ހިންގަން ދީފައިވާ މުއްދަތު ހަމަވުމުން އެތަން ހުސްކުރަން ޝަފިއްޔާ، އެމްޑީޕީއަށް އެންގުމުން، އެމްޑީޕީން ވަނީ އެތަން ހުސްނުކޮށް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. މައްސަލަ ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވަނިކޮށް ޝަފިއްޔާ އިއްޔެ ވަނީ އެމްޑީޕީ ހަރުގެ ހުސްކުރުމުގެ މަސައްކަތް ފަށައިފައެވެ.
އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެދުނީ އެ ޕާޓީން ކުއްޔަށް ހިފާފައިވާ ގޯތި މިއަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް (ރިޔާސީ އިންތިހާބު ނިމެންދެން) ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ގޯތީގެ ވެރިފަރާތުން ދީފައިވާ ކަމަށެވެ. އެ މުއްދަތުގައި ހަރުގޭގެ ކުއްޔަކީ މިހާރުވެސް ދައްކަމުންދާ ކުލީގެ އަގުކަމަށް ހަމަޖައްސައި ގޯތީގެ ވެރިފަރާތާއި އެމްޑީޕީއާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
"މިގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމްކޮށްފައިވަނިކޮށް ދައުވާ ލިބޭ ފަރާތުން މި އެއްބަސްވުމާ ހިލާފުވެ، ކުއްލިގޮތަކަށް މި ހިނގާ މެއި މަހުގެ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތަން ހުސްކޮށް އެ ފަރާތާ ހަވާލުކުރުމަށް އަންގާފައިވާތީ، މި އެންގުމަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފު ބާތިލު އެންގުމެއް ކަމުގައި ކަނޑައަޅައި ދެއްވުމަށާއި، މިހާރުވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދައްކަމުންދާ ކުލީގެ މުގާބިލުގައި 2023 ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް އެތަން ބޭނުންކުރުމުގެ ހައްގު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް ލިބިގެންވާކަމުގައި ކަނޑައަޅައިދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދައުވާ ހުށަހަޅާފައިވެއެވެ" ސިވިލް ކޯޓުން ބުންޏެވެ.
އެމްޑީޕީން މައްސަލަ ހުށަހެޅީ ދައުވާލިބޭ ފަރާތުގައި ހާޒިރުގައި ވަގުތީ އަމުރު ނެރެ ދިނުމަށެވެ. އެގޮތަށް އަޑުއެހުން ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނިކޮށް އެމްޑީޕީން ވަނީ ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި އަމުރެއް ނެރެ ދިނުމަށް އެދިފައެވެ. އެހެންވެ ފުރަތަމަ ފަހަރަށް ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
- - އެއްބަސްވުމާ ހިލާފަށް ދައުވާލިބޭ ފަރާތުން ހަރުގެއަށް ވަދެ، ތަން އަތުލައިފާނެކަމުގެ ބިރު އޮތުމުން
- - ހަރުގޭގައި ހުރި ޕާޓީގެ އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ގާނޫނުއަސާސީއާ ހިލާފަށް އަތުލާނެ ކަމަށް ސަރީހަ އިބާރާތުން ބުނެފައިވާތީ
- - މައްސަލައިގެ މައުލޫއާ މެދު ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން އުފެދިފައިވާ ދެބަސްވުން، މިހާރު ހުރި ހާލަތުގައި ހިފެހެއްޓުމަށް
- - މި މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން، ގޯތީގެ ވެރި ފަރާތުން އެމްޑީޕީއަށް ނާންގައި، ހަރުގޭގެ ތަޅު ހަލާކު ކޮށްލައިގެން ތަނަށް ވެދެފައިވާތީ، ވަގުތީ އަމުރެއް ޣައިރު ހާޒިރުގައި ނެރެދިނުމަށް އެދޭކަމަށް
ގޯތީގެ ވެރިފަރާތުން ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން އެތެރެއަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ހުށަހަޅައިފައިވާ ކަމަށް އެމްޑީޕީން ބުންޏަސް، އެފަދަ ވީޑިއޯއެއް ހުށަހަޅާފައިނުވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ވަގުތީ އަމުރު ނެރެދިނުމުގައި މައިގަނޑު ތިން ކަމަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށާއި އެގޮތުން ފުރަތަމަ ކަމަކީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް އޮތުމާއި ވަގުތީ އަމުރު ނެރުން ލަސްވެއްޖެނަމަ، އަމުރަށް އެދޭ ފަރާތަށް ނުރައްކަލެއް ނުވަތަ ގެއްލުމެއް ކުރިމަތިވުމެވެ. މީގެ އިތުރުން ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް ހެދުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތަކަށްވުމެވެ.
ސިވިލް ކޯޓުން ބުނީ އަމުރަށް އެދޭ ފަރާތަށް ލިބެންޖެހޭ ގާނޫނީ ހިމާޔަތެއް އޮތްތޯ ބަލާއިރު އަދި ހަސްމުންގެ މެދުގައި އެއްބަސްވުމެއް ގާއިމުކުރެވިފައިވޭތޯ ބަލާއިރު، އެފަދަ އެއްބަސްވުމެއް އޮތް ކަމަށް ފެންނަނީ ވަގުތީ އަމުރަށް އެދުނު ފޯމުން ކަމަށެވެ.
ނަމަވެސް ވަގުތީ އަމުރު ނެރުމުގައި އެ އެއްބަސްވުމަށް ރިއާޔަތްކޮށްފިނަމަ، މައުލޫއީ މައްސަލަ ނިންމުމަށް ހުރަހަކަށްވާނެ ކަމަށް އަމުރުގައި ބުންޏެވެ. އެހެންކަމުން އެމްޑީޕީއަށް ގާނޫނީ ހައްގެއް ލިބިގެންވާ ކަމަށް ނުބެލެވޭ ކަމަށް ސވިލް ކޯޓުން ބުންޏެވެ.
ވަގުތީ އަމުރުގެ މައްސަލަ ލަސްވުމުގެ ސަބަބުން އެމްޑީޕީއަށް ގެއްލުމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެތޯ ބަލާއިރު، އެފަދަ އިހުތިމާލެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
އެހެންވެ ދައުވާކުރާ އެމްޑީޕީގެ ފަރާތުން އެދުނު ގޮތަށް ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ވަނީ އަމުރުކުރައްވައިފައެވެ. ނަމަވެސް އެމްޑީޕީއަށް އެފަދަ އަމުރަކަށް އެދުމުގެ ސިފަތައް އޮތްކަން އެނގޭ ކަމަށް ހަސަން ފަހީމް އަމުރުގައި ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު