ޚަބަރު

ލޯފަން މީހުން އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ލޯފަން މީހުންނަށް އެހީތެރިއަކާ ނުލައި އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން ސަރުކާރުގެ ފަރާތުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސް ފަށައިފިއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ބިލު މަޖިލީހަށް ބަލައިގަތީ ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު އެ ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހަޅުއްވައި ފޯއްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ތާއީދު ކުރެއްވި ހުށަހެޅުމަށް ވޯޓަށް އެއްސެވިއެވެ. ބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީވެސް 51 މެންބަރުންގެ ވޯޓުންނެވެ.

މުޅީ މަޖިލީހުގެ ކޮމިޓީއަށް ބިލު ފޮނުވުމާއެކު މަޖިލީހުގެ ރައީސް މަޖިލިސް ޖަލްސާ ނިންމަވާ ލެއްވުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީއަށް މަޖިލިސް ބަދަލުކޮށްލެއްވިއެވެ. އަދި ކޮމިޓީގައި ބިލުގެ މަސައްކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ކަނޑައެޅުމަށް ފުރުސަތު ހުޅުވާލިއެވެ.

އެ ފުރުސަތުގައި ބިލުގެ މަސައްކަތް ނިމެންދެން ކޮމިޓީ ކުރިއަށް ގެންދެވުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ ފޯއްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދެވެ.

އެގޮތަށް ފާސްވުމުން ކޮމިޓީ މުގައްރިރު އަދި މަޖިލީހުގެ ރައީސް ވިދާޅުވީ، އިއްޔެއާއި މިއަދުވެސް މަޖިލިސް ތަޅުމުގައި އެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔައިރުވެސް ހުށަހެޅުމެއް އަދި އިސްލާހެއްވެސް މެންބަރަކު ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

"ދެން މިކަމުގައި ކުރަން އޮންނާނީ ކޮން ބަހުސެއްތޯ ހިތައްވަދޭ،" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ބަހުސަށް ހުޅުވައިލުމުން ބިލަށް ބަދަލެއް ގެންނަން ޖީހާން އިސްލާހެއް ހުށަހެޅުއްވިއެވެ. ބިލަށް އިސްލާހު ހުށަހަޅުއްވާ ވަގުތުގައި އެ އިސްލާހު ލިޔުމުން ހުށަހެޅުއްވުމަށް މުގައްރިރު އެންގެވިއެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު ހުށަހެޅުއްވީ ބިލުގައި އޮތް ފެނުމުގެ "ނުކުޅެދުންތެރިކަން" ހުރުން، އެބަސް ފެނުމުން މަހުރޫމުވެފައިވުމަށް ބަދަލުކުރުމަށެވެ. ނަމަވެސް ތާއީދު ލިބުނީ ހަމައެކަނި ޖީހާންގެ ހުށަހެޅުމަށެވެ.

ޝަރީފު ވިދާޅުވީ އެ އިސްލާހު އޮތްގޮތް ރަނގަޅު ކަމަށާއި އިތުރު ބަދަލެއް ނުގެނެސް ބިލު އޮތް ގޮތަށް ފާސްކުރަން ހުށަހަަޅާ ކަމަށެވެ. އެއީ ބިލު އޮތް ގޮތުން ނުފެންނަ މީހުންނާއި ކުޑަކޮށް ފެންނަ މީހުންނަށްވެސް ވޯޓުލާ ޑިވައިޒް ބޭނުން ކުރުމުގެ ފުރުސަތު ލިބޭތީ ކަމަށްވެސް ވިދާޅުވިއެވެ. ގައްދޫ ދާއިރާގެ މެންބަރު ޒާހިރުވެސް ތާއީދު ކުރެއްވީ ބިލު އޮތް ގޮތަށް ފާސްކުރުމަށެވެ. އެހެންކަމުން ޖީހާންގެ ހުށަހެޅުން އަނބުރާ ގެންދަވައި ބިލު މިހާރު އޮތް އޮތަށް ފާސްކުރަން އޭނާވެސް ތާއީދު ކުރެއްވިއެވެ.

ނަމަވެސް ބިލު ކޮމިޓީން ފާސްކުރަން ވޯޓަށް އެހުމުގެ ބަދަލުގައި މުގައްރިރު އަދި މަޖިލީހުގެ ރައީސް ނިންމެވީ، އެ ބިލަށް އިސްލާހެއް އޮތްނަމަ މާދަމާގެ ހެދުނުގެ 10:00 އަށް އެ އިސްލާހު މަޖިލީހަށް ހުށަހަޅަން ފުރުސަތު ދެއްވުމަށެވެ.

އެކަމާ ބައެއް މެންބަރުންގެ ހިޔާލުތަފާތުވުމުން މަޖިލިސް ރައީސް ވިދާޅުވީ، އެކަމަށް ގަވާއިދުން ފުރުސަތު ލިބޭ ކަމަށާއި މިއަދު ބިލު ފާސްކުރުމުގެ ކުރިން ބިލުގައިވާ ފިލިތަކާއި ކަންތައްތައް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ. އެހެން ވިދާޅުވެ ކޮމިޓީގެ ބައްދަލުވުން ނިންމަވައިލެއްވިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށްޓަކައި މެމްބަރު ޖީހާން ހުށަހެޅުއްވި އެ އިސްލާހުގައި ބުނަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭ ނަމަ، އެކަމަށް ބޭނުންވާ ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށެވެ.

އެ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ލޯފަން މީހުންނަށް ވޯޓުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ ޕްލާސްޓިކް ޓެމްޕްލޭޓްގައި ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަންޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް ކެނޑުމެއް ހިމެނެންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާހުގައި ބުނެފައިވާ ގޮތުން، ލޯފަން މީހާއަށް ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމަށްފަހު، އޭނާ ވޯޓުލާ ނިމެންދެން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެއްވެސް އޮފިޝަލަކު ނުވަތަ އެ ނޫންވެސް މީހަކު އެ ތަނުގައި ހާޒިރުވެ ހުރެގެން ނުވާނެއެވެ. އެ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.