ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އަހުޒަމް އަބްދުއްޝުކޫރު (23އ)، ނައީމާ މަރާލަން ވަނީ ހެޒްމެޓް ސޫޓެއް ލައިގެންކަން "ވަން" އެނގިއްޖެއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އަހުޒަމް އަދި ރިފާޝް އަބޫބަކުރު (20)އެވެ. ރޭ މާލެއިން އެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ ހަސަން ފަވާޒު (21އ)އެވެ.

އަހުޒަމް އެންމެ ފުރަތަމަ ހައްޔަރުކުރީ އޭނާގެ ކޮޓަރިން 50 ގްރާމްގެ ޑްރަގު ފެނުނު މައްސަލައިގައެވެ. ފުރަތަމަ އޭނާގެ ބަންދަށް ޖެހީ ތިން ދުވަހެވެ. ނަމަވެސް މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ފުލުހުން ބުނެފައިވާތީ އޭނާގެ ބަންދުގެ މުއްދަތު ފަހުން ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ދެ ވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކުރަން ބޭއްވި އަޑުއެހުމުގައި އަހްޒަމް ވަނީ، ނައީމާ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް އެއްބަސްވެފައެވެ. އެހެން އޭނާ ބުނެފައިވަނީ އަހުޒަމްއަކީ ބަންދުގައި ބަހައްޓަން ޖެހޭ ނުރައްކާތެރި މީހެއްކަން ޝަރީއަތަށް ހާމަކުރުމުގެ ގޮތުން ފުލުހުން އޭނާއަށް ނައީމާގެ މަރުގެ ތުހުމަތުވާ ކަމަށް ބުނުމުން އެއީ ތެދެއްތޯ ގާޒީ އެއްސެވުމުންނެވެ.

އަހުޒަމްގެ ކުށަށް އިއުތިރާފުވެ، ކުށުގެ ހާދިސާ ކިޔައިދިނުމުން ފުލުހުން ވަނީ ރިފާޝް އަދި ފަވާޒު ހައްޔަރުކޮށްފައެވެ.

"ވަން" އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އަހުޒަމް އެގެއަށް ގޮސްފައިވަނީ ރަތް ކުލައިގެ ކާރެއްގައެވެ. އެ ކާރު ދުއްވަން އިނީ ފަވާޒުއެވެ. ނައީމާ މަރާލުމުގެ ކަންކަން ދުރާލާ ރާވައި، އެކަމުގެ ތައްޔާރީތަކަށް ކޮވިޑު ދުވަސްވަރު ބޭނުންކުރި ހެޒްމެޓް ސޫޓެއް އަހުޒަމް ހޯދިއެވެ. އެއީ ކޮވިޑް ދުވަސްވަރު އެރަށަށް ގެންގޮސްފައި ހުރި ޕީޕީއީ ސާމާނުތަކެކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ. އަދި އޭނާ، ނައީމާ މަރާލަން ކޮޓަރިއަށް ވަންއިރު ފާރައަށް ރިފާޝް ހުރި އިރު، ފަވާޒު އިނީ ކާރުގައެވެ. އަހުޒަމް އާއި ރިފާޝް ނައީމާ ދިރިއުޅޭ ގެއިން ނުކުމެގެން ގޮސް ކާރަށް އެރީ އެއްކޮށް ކަމަށާއި ނައީމާ މަރާލި ރޭ އެ ކާރު އެ ރަށު ތެރޭގައި ވަރަށް ގިނައިރު ވަންދެން ދުއްވި ކަމަށް "ވަން" އަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ވަނީ އަހުޒަމްވި ކުށަށް އިއުތިރާފުވެ، ކިޔައިންދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެމީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން ފުލުހުން ވަނީ ރަތް ކުލައިގެ ކާރުވެސް ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުންހުރި ކަމެއްކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިން ވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ އެހާ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ސިހުރުގެ ކަމަކާ ގުޅިގެން އަހުޒަމް ވެސް ހިތްހަމަނުޖެހިފައިވާކަން އެނގެވެ. އެއީ "ސިހުރެއް ނޫން ކޮންމެ ގޮ** ބުންޏަސް މަށަށް ލިބެން އޮތް އެއްޗެއް ވިއްޔާ މަށަށް ލިބޭނެ އަދި ބަޔަކު މީހުން މިކަމާ ކިތަންމެ ހަސަދަ ވިޔަސް" މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އަހުޒަމް އޭނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

އެ ޕޯސްޓުގެ ފަހުން އޭނާ ކޮށްފައިވާ ގިނަ ޕޯސްޓްތަކުގައި ވަނީ ލޯބިވެރިއެއް ބީވުމުން ކުރާ ކަހަލަ ވާހަކަތަކެކެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ 600 އަށްވުރެ ގިނަ ފޮރެންސިކް ހެކި ހޯދައިފައެވެ. އަދި ނައީމާގެ ގޮށްމުށުގެ ތެރެއިން ފުލުހުން ވަނީ ފޮރެންސިކް ހެކީގެ ގޮތުގައި އިސްތަށިތަކެއް ހޯދައިފައެވެ. ނަމަވެސް އެ ފޮރިންސިކްސްތަކާއި ހައްޔަރުކުރި އަހުޒަމް އާއި ރިފާޝްއާ ގުޅުވައިލެވިފައިވާ ކަމެއް ސާފެއް ނޫނެވެ.