ކުރިން ޓޮޓެންހަމް އާއި ޕީއެސްޖީގެ ކޯޗުކަން ކޮށްފައިވާ އާޖެންޓީނާގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމާ ހަވާލުވިކަން ރަސްމީކޮށް މިއަދު އިއުލާނުކޮށްފިއެވެ.

ޗެލްސީއަށް ނިމިގެން ދިޔައީ އުނދަގޫ ސީޒަނަކެވެ. އެޓީމުން ސީޒަން ފެށީ ތޯމަސް ޓުޗެލްއާ އެކު ނަމަވެސް ފުރަތަމަ ކޮޅުގެ ނަތީޖާތައް ދަށްވެ، ގްރަހަމް ޕޮޓާއާ ކޯޗުކަން ހަވާލުކުރިއެވެ. އެހިސާބުންވެސް ޗެލްސީގެ ހާލަތު ރަނގަޅުވެފައިނުވާ އިރު، ފަހު ކޮޅަށް ގޮސް އޭނާވެސް މަގާމުން ބޭރު ކުރިއެވެ. ޗެލްސީން ކްލަބު ލެޖެންޑް ފްރޭންކް ލަމްޕާޑުގެ ކޯޗުކަމުގައި ސީޒަން ނިންމާލި އިރު، އެޓީމަށް ލިބުނީ ލީގުގެ 12 ވަނައިގައެވެ. އެއީ މިދިޔަ 25 އަހަރު ތެރޭގައިވެސް ޗެލްސީއަށް ލީގުގައި ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ.

ލަމްޕާޑާ ވަގުތީ ގޮތުން ކޯޗުކަން ހަވާލުކޮށް ޗެލްސީން ސީޒަން ނިންމާލި ނަމަވެސް، އެޓީމުން ދިޔައީ ދާއިމީ ކޯޗެއް ހޯދަމުންނެވެ. އެ މަސައްކަތުގައި ގިނަ ކޯޗުންތަކަކާ ވާހަކަ ދައްކާފައިވާ އިރު، ޕޮޗެޓީނޯ ފައިނަލް ކޮށްފައި ވަނީ މީގެ ދެ ހަފުތާއެއް ކުރިންނެވެ. މިއަދު ކްލަބު އިއުލާނު ކޮށްފައިވާ ގޮތުގައި އުމުރުން 51 އަހަރުގެ ޕޮޗެޓީނޯ ޗެލްސީއާ ހަވާލު ވާނީ ޖުލައި އެއްވަނަ ދުވަހުއެވެ.

އޭނާ ޗެލްސީއާ އެކު ވެފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ވާގޮތުން ޗެލްސީން ބޭނުންނަމަ ތިންވަނަ އަހަރަކަށް އެއްބަސްވުން ދަންމައިލެވޭނެއެވެ.

އާޖެންޓީނާއަށް އުފަން ޕޮޗެޓީނޯ އެންމެފަހުން ހުރީ ޕީއެސްޖީގެ ކޯޗުކަމުގައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ޕީއެސްޖީ ކޯޗުކަމުން ވަކިކޮށްފައިވާ އިރު، ޕޮޗެޓީނޯ އެންމެ ބޮޑަށް ފާހަގަވީ ޓޮޓެންހަމަށް ކޯޗުކަން ކޮށްދިން ދުވަސްވަރުއެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ޕޮޗެޓީނޯ، ޓޮޓެންހަމަށް ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގު ފައިނަލެއްގައި ކުޅެފައެވެ. 2019 ވަނަ އަހަރު ޓޮޓެންހަމްއިން ޕޮޗެޓީނޯ ފޮނުވާލީ، ލީގު ތާވަލުގެ 14 ވަނައަށް ކްލަބު ވެއްޓުމުންނެވެ.

ޗެލްސީގެ އާވެރިން ކްލަބާ ހަވާލުވެ، މިހާތަނަށް ޓްރާންސްފާތަކަށް 550 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ އިރު، މިދިޔަ ޖެނުއަރީ މަހު އެކަނިވެސް 288 މިލިއަން ޕައުންޑް އެ ކްލަބުން ޓްރާންސްފާތަކަށް ހަރަދު ކުރިއެވެ.