ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ރޭ މާލެއިން ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ، ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިއަދު އެ ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ހައްޔަރުކުރީ ހަސަން ފަވާޒް 21އ، އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މީގެ ކުރިން ވަނީ މަނަދުއަށް ނިސްބަތްވާ އެހެން ދެ ޒުވާނަކު ވެސް ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އަހުޒަމް އަބްދުއްޝަކޫރު 23އ އާއި ރިފާޝް އަބޫބަކުރު 21އ އެވެ.

ފުލުހުން ވަނީ ނައީމާ މަރާލަން ބޭނުންކުރި ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނުވެސް ހޯދައިފައެވެ. އަދި އެ މީހުން ދުއްވި ކާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަހުޒަމް ވަނީ ތަހުގީގުގައި ނައީމާ މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް އެއްބަސްވެފައެވެ. ނައީމާގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި އެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހުންނެވެ.