ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފަށައިފި އެވެ.
ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ގާއިމުކުރުމާ ގުޅިގެން، އެތެރޭގެ އުދުހުންތަކުގައި ފުރަން އަންނަ ދަތުރުވެރިން ޗެކިން ވުމަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު އިއްޔެއިން ފަށައިގެން ބަލައިގަންނަން ފަށައިފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިވާ ފަދައިން، އެތެރޭގެ އުދުހުންތަކުގައިވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިން ވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވީއައިއޭގެ ޗެކިން ކައުންޓަރުތަކުންވެސް މިހާރު ބަލައިގަންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ވީއައިއޭއިން އެއާލައިން ޓިކެޓް ގަތުމަށާއި، އެއާލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑީގެ އިތުރުން ބަލައިގަންނަ ލިޔެކިޔުންތައް:
• ޕާސްޕޯޓް
• ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު
• ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
• ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު
• އެއާޕޯޓް ސެކިއުރިޓީ ފާސް
• ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް
މި ލިޔެކިޔުންތައް ބަލައިގަންނާނީ މުއްދަތު ހަމަނުވާ ނަމަ އެވެ.
އެމްއޭސީއެލް އިން ބުނީ ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުން ގާއިމުކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއި އެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީގެ ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.