ޚަބަރު

ގައްދޫ ބަނދަރު މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 57 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިން މިނިސްޓްރީން ގައްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހު 26 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ އަގަކީ 40.2 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 320 މީޓަރުގެ ސްކޯރިން އޭޕްރަންއެއް ހެދުމާއި ބްރިޖެއް ހެދުމާއި 1،600 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.