ބުރިޖު ހައިވޭގައި ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި ހާދިސާގައި އޭނާ ސައިކަލް ދުއްވީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ލޭނުން ކަމަށް ފުލުހުން ބުނެފިއެވެ.
ބުރިޖު ހައިވޭގައި އެ އެކްސިޑެންޓެއް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12:04 ހާއިރު މާލެއިން ހުޅުމާލެއަށް އަންނަ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 43 އަހަރުގެ ދިވެހި މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ އެކްސިޑެންޓުގެ ތަފުސީލު ހިއްސާކޮށްފައެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ހަލިމަގުގެ މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދަތިވާގޮތަށް ކާރެއް ހުއްޓިފައި އޮތުމުން، ފުލުހުން އެ ކާރު ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޕޮލިސް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
"އެ އެކްސިޑެންޓު ހިނގާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާގޮތަށް ކާރެއް ހުއްޓިފައި އޮތުމުން، ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި، އެކްސިޑެންޓުވި ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި އައިސް އެ ޕިކަޕުގެ ފަހަތުގައި ޖެހިގެންނެވެ. އެ ސައިކަލު ދުއްވާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުންކަން ފާހަގަކުރަމެވެ..،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އިދާރާގެ ޕިކަޕު ކާރު ނެގުމަށް މަޑުކޮށްގެން އޮތީ، މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގްނަލް ޖައްސައިގެން ކަމަށެވެ. އަދި މަގަށް ހުއްޓިފައިވާ ކާރަކީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:07 ހާއިރު ހުއްޓިގެން އެތަނުގައި ބާއްވާފައިވާ ކާރެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކުން އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު