ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކާލުމުގެ ހިދުމަތަށް ނަގާ ފީ، ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ކުނި ބިލު ނުދައްކާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެންވާރަމަންޓް މިނިސްޓްރީ އާއި ވެމްކޯ އަދި ސްޓެލްކޯ ގުޅިގެން މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ މާލެ ސަރަހައްދުގެ ގޭބީސީ ތަކުން ކުނި އުކާލުމުގެ ފީގެ ގޮތުގައި ވެމްކޯ އަށް ދައްކަންޖެހޭ ފީ، ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމެނުމަށެވެ.
އެކަމަށްޓަކައި ސަރުކާރުން ވަނީ ގަވާއިދެއް އެކުލަވާލައި ގެޒެޓުވެސް ކޮށްފައެވެ. އަދި ޖޫން މަހުން ފެށިގެން ސްޓެލްކޯ އިން ގޭބީސީތަކަށް ފޮނުވާ ކަރަންޓު ބިލުގައި ވަކި ލައިން އައިޓަމެއް ގޮތުގައި ކުނީގެ ފީ ހިމަނައިގެން ފޮނުވުމަށްވެސް ސްޓެލްކޯ އާއި ވެމްކޯ އިން މިއަދު ވަނީ އެއްބަސްވެފައެވެ.
އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެއްފަހަރާ ދެ ބިލުވެސް ސްޓެލްކޯއަށް ދެއްކޭ ގޮތް ވުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް މި ބަދަލު ގެންނަ ފުރަތަމަ ދުވަސްކޮޅު އެކި ކަހަލަ ކުދި ކުދި މައްސަލަތައް ދިމާވާނެ ކަމަށެވެ. އަދި ބިލު ކުރުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، ސްޓެލްކޯ އަށް ނުވަތަ ވެމްކޯއަށް އެކަން އެންގުމުން އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިބަދަލާއެކު ގޭބީސީތަކުގައި ހަރުކޮށްފައިވާ ކޮންމެ "އެކްޓިވް" ކަރަންޓު މީޓަރަކަށް ސްޓެލްކޯ އިން ފޮނުވާ ކަރަންޓު ބިލުގައި ކުނި އުކާލުމުގެ ފީގެ ގޮތުގައި 150 ރުފިޔާގެ ފިކްސްޑް ޗާޖެއް ހިމަނާނެއެވެ. އެކްޓިވް ކަރަންޓް މީޓަރެއް ގޮތުގައި ބަލަނީ ކޮންމެ މަހަކު 34 އަށްވުރެ ގިނަ ޔުނިޓް ބޭނުންކޮށްފައި ހުންނަ ކަރަންޓް މީޓަރު ތަކަށެވެ. އެހެންކަމުން އެއް މީޓަރަށްވުރެ ގިނަ މީޓަރު ހަރުކޮށްފައިވާ ގޭބީސީތަކުން ވެމްކޯއަށް ނުވަތަ ސްޓެލްކޯއަށް އެކަން އަންގަން ޖެހޭނެއެވެ. މިގޮތަށް ހުންނަ ތަންތަން އުނި ކުރަން ހުށަހެޅުމުން ވެމްކޯގެ ޓީމްތަކުން ސާވޭކުރުމަށްފަހު ގަވާއިދާ އެއްގޮތަށް އެފަދަ މީޓަރުތައް އުނިކޮށްދޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އޭގެ އިތުރުން ވެމްކޯ ނޫން ފަރާތްތައް މެދުވެރިކޮށް ކުނި އުކާލާ ގޭބީސީތަކުންވެސް އެކަން ވެމްކޯއަށް އަންގަން ޖެހޭނެއެވެ.
ވެމްކޯ އިން މަައުލޫމާތު ދޭ ގޮތުގައި ކޮމާޝަލް ކަރަންޓު މީޓަރުތަކަށް ޗާޖު ކުރާނީ އެފަރާތެއް ވެމްކޯގައި ރަޖިސްޓްރީ ވެފައިވާނަމަ އެކަންޏެވެ. ރަޖިސްޓްރީ ނުކުރާ ނަމަ އެ ކޮމާޝަލް ޔުނިޓަކުން ކުންޏެއް ނުނަގާނެއެވެ. އަދި ކުނީގެ ފީވެސް ބިލުކުރާނީ ސްޓެލްކޯ އިން ގެންގުޅޭ ބިލިން ސައިކަލާ އެއްގޮތަށް ކަމަށް އެކުންފުނިން ބުންޏެވެ.
ސްޓެލްކޯގެ ބިލުކުރަމުން އަންނަ އާންމު އުސޫލާ އެއްގޮތަށް ކަރަންޓު ބިލު 28 ދުވަހަށް ތައްޔާރުކޮށްފައިވާ ނަމަ، އެ ބިލާއެކު ކުނި ނެގުމުގެ ފީގެ ގޮތުގައިވެސް ޗާޖުކުރާނީ މަހުފީ އިން 28 ދުވަހަށް ޖެހޭ އަދަދެވެ.
ވެމްކޯއިން ބުނެފައިވާ ގޮތުގައި މި ބަދަލާ ގުޅިގެން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ކަސްޓަމަރު ދިރިއުޅޭ ފަންގިފިލާގެ އެޕާޓްމެންޓުގެ ދޮރުމަތިން ނުވަތަ އިމާރާތުގެ ތިރީ ފަންގިފިލާއިންނެވެ.