ޚަބަރު

ހަވީރު ނިއުސް އެޖެންސީއަކީ ގާނޫނީ ޝަހުސެއް ނޫން: ވަކީލު

އިބްރާހިމް ޒަކީ

ދުވަހު ނޫސް "ހަވީރު" ނެރުމަށާއި "ހަވީރު" ގެ ޗާޕުހާނާ، ވިޔަފާރީގެ ގޮތުން ހިންގުމަށްޓަކައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުالله ފާރޫހު ހަސަން އާއި މުހައްމަދު ޒާހިރު ހުސައިން އަދި މުހައްމަދު ނައީމްގެ މެދުގައި އެއްބަސްވެގެން 31 މާޗް 1983 ވަނަ ދުވަހު އުފެއްދި ހަވީރު ނިއުސް އެޖެންސީއަކީ ގާނޫނީ ޝަހުސެއް ނޫން ކަމަށް ހަވީރު މީޑިޔާ ގްރޫޕު ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލު ހުސެއިން ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ، ހަވީރު ނޫހުގެ މިލްކުވެރިކަމާ މެދު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ހަވީރު މީޑިޔާ ގްރޫޕު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލައަށް ތަދައްހުލުވުމަށް ދެއްވި ފުރުސަތުގައި އެ ފަރާތުގެ ހުށަހެޅުންތައް ޝަރީއަތަށް ހުށަހަޅުއްވަމުންނެވެ.

މިއީ 31 މާޗް 1983 ވަނަ ދުވަހު ވެފައިވާ ފައުންޑަރުންގެ އެއްބަސްވުމާ ހިލާފަށް، މުހައްމަދު ޒާހިރު ހުސައިން އަމަލުކޮށްފައިވާ ކަމަށް ބުނެ، މި މައްސަލައިގައި ކޯޓުން ހުކުމެއް ކުރުމާ ހަމައަށް، "ހަވީރު ނޫސް އެޖެންސީ" އަށާއި "ހަވީރު" ދުވަހު ނޫހަށާއި ޗާޕުހާނާއަށް ލިބިފައިވާ ފައިދާގެ ތެރެއިން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދު الله ފާރޫގު ހަސަނާ ދެ މީހުންކުރެ ކޮންމެ މީހަކަށް ހަތަރުބައިކުޅަ އެއްބައި (25 އިންސައްތަ) ނަގައިދިނުމަށާއި އެމީހުންނަށްވާ ހިއްސާގެ މިލްކުވެރިކަމުގެ ހައްގު ރައްކާތެރިކޮށްދީ، ނިގުޅައިގަނެވިފައިވާ ކަމަށް ބުނާ މި ދެ މީހުންގެ ހައްގު އަނބުރާ ލިބިދިނުން އެދި، އެ ދެ މީހުންގެ ފަަރާތުން ޒާހިރު ހުސައިންގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެކެވެ.

އެ މައްސަލަ ބެލުމަށްފަހު 2014 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، ހަވީރު ނޫހާއި ޗާޕު ހާނާއަކީ 1983 ގައި ވެފައިވާ އެއްބަސް ވުމުގެ ދަށުން އުފެދި، ހިންގަމުން އައިސްފައިވާ ތަންތަން ކަން ސާބިތުނުވާ ކަމަށެވެ.

އެހެންކަމުން އެ ދެ ތަނުގައި އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގުގެ ހިއްސާއެއްވާ ކަމަށް ބެލެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. އެކަން އެގޮތުގައި އޮތުމުން ހަވީރު ނޫހާއި ޗާޕު ހާނާ ހިންގައިގެން ލިބިފައިވާ ނަފާއިން އެ ދެ މީހުންނަށް އެއްވެސް މިންވަރެއް ދިނުމަށް ޒާހިރު ހުސެއިންގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން، އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބަލައި 25 އޯގަސްޓް 2015 ގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ.

މީގެ އިތުރުން 31 މާޗް 1983 ގެ އެ އެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައި އޮތް އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމާ އެއްގޮތަށް ޒާހިރު ހުސެއިންގެ ފަރާތުން އަމަލުކޮށްފައި ނުވާކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހަވީރު ނޫސް އެޖެންސީ އާއި އެ އެޖެންސީގެ ދަށަށް ބަދަލުކުރެވި، އެ އެޖެންސީން ހިންގަމުން ދިޔަ ތަންތަނާއި ތަކެތީގެ މިލްކުވެރި ފަރާތަކީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހަވީރު ނޫސް އެޖެންސީގެ ފައުންޑާ މެމްބަރުންކަން ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށް ވެސް ބުނެފައިވެއެވެ.

އެ އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތިން އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުالله ފާރޫގާ، ދެ މީހުން ކުރެ ކޮންމެ މީހަކަށް "ހަވީރު" ނޫސް އެޖެންސީ އާއި އެތަނުގެ މިލްކުގައިވާ ހުރިހާ ފައިސާއަކާއި މުދަލުގެ 25 ޕަސެންޓް ހިއްސާ ލިބިގެންވާކަން ޝަރީއަތަށް ސާބިތުވާތީ، އެ ތަންތަނުން ލިބިފައިވާ ޖުމްލަ އާމްދަނީން ލިބިފައިވާ ފައިދާގެ ތެރެއިން އެ ދެ މީހުންނަށް ލިބެންވާ މިންވަރާއި އަދަދު ކަނޑައެޅުމަށް، އެ މައްސަލަ ދަށުކޯޓަށް ހުށަހެޅުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވާ ކަމަށް ހުކުމް ކުރާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

މި މައްސަލަ ޒާހިރު ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ފުރަތަމަ ހުށަހެޅުމުން 2019 ވަނަ އަހަރު އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ޑރ. ޒާހިރަށް ދޭން ނުޖެހޭ ކަމަށެވެ.

ނަމަވެސް އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެދި ޑރ. ޒާހިރުގެ ފަރާތުން ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި އެދުނެވެ. އެ ނިންމުން މުރާޖައާ ކުރުމަށްފަހު، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ އެ ނޫހުގެ މަސްއޫލުވެރިޔާ ޑރ. މުހައްމަދު ޒާހިރު ހުސެއިންނަށް ލިބިގެންވާ ކަމަަށް 2022 ޖޫން 13 ގައި ސުޕްރީމް ކޯޓުން ނިންމިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވަކީލު ސިރާޖު ވިދާޅުވީ، މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތުން އުފައްދާ ގާނޫނީ މައިގަނޑު ބަހުސަކީ މުދަލުގެ މިލްކުވެރިކަން ޑރ. ޒާހިރަށް ނެތް ކަމަށް ބުނާ ނުކުތާ ކަމަށެވެ.

"އެކަމަށް ބާރުދީ އެފަރާތުން ހަވަލާ ދެނީ 31 މާޗް 1983 ގައި ވެފައިވާ އެއްބަސްވުމަށް، އެގޮތުން އެބަ ވިދާޅުވޭ، އެ އެއްބަސްވުމުގައި ސޮއިކޮށް ހަވީރު ނޫސް އެޖެންސީގެ ނަމުގައި ޝަހްސެއް އުފެދުނީއޭ، އެ ނުކުތާއަށް ބަލާއިރުގައި ދިވެހި ރައްޖޭގައި އަމިއްލަ ހަތަރު ފަރާތަކުން މަދަނީ އެއްބަސްވުމެއްގައި ނުވަތަ ވިޔަފާރި އެއްބަސްވުމެއްގައި ނަމަވެސް ސޮއިކުރާ ހިސާބަކުން އަދި ގާނޫނީ ޝަހުސެއް ވުޖޫދެއް ނުވާނެ،"

އޭނާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނަށް އަމަލު ކުރުމުގެ ކުރިންވެސް ރާއްޖޭގައި ކުންފުނި ރަޖިސްޓްރީ ކުރުމާބެހޭ ގާނޫނެއް އޮތް ކަމަށާއި އެ ގާނޫނަށް ބަލާއިރުވެސް ކުންފުނި ނުވަތަ އެފަދަ ޖަމާއަތެއް އުފެއްދޭނީ އޭގައި ބުނާ ޝަރުތުތައް ފުރިހަމަކޮށް މިނިސްޓްރީ އޮފް ޓްރޭޑްގައި ރަޖިސްޓްރީ ކުރުމުން ކަމަށް ބުނާ ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ގާނޫނީ ޝަހުސެއް ނުއުފެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން އެގޮތުގައި އޮތުމުން އެ އެއްބަސްވުމަކީ ކުންފުންޏެއް ނުވަތަ އޭޖެންސީއެއް ރަޖިސްޓްރީ ކުރިކަން ދަލީލު ކޮށްދޭ އަދި އެކަން ސާބިތުކޮށްދޭ ލިއުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މައްސަލަ ރައްދުވާ ފަރާތުގެ ވަކީލު ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީއަކަށް، އެފަރާތުން ހަވާލާދޭ އިރު، އެއިން ދޭހަވަނީ 1983 އިން ފެށިގެން ހަވީރު ނޫހުގެ އެޑިޓޯރިއަލް މެނޭޖު ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވުންތަކެއް ހަދައި، 1985 އާ ހަމައަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެސިޓީން ވެސް ދޭހަވަނީ ނިއުސް އެޖެންސީން ކުރީ ހަވީރުގެ އެޑިޓޯރިއަލް މަސައްކަތަކެއް ކަަމަށާއި ވިޔަފާރީގެ މިލްކުވެރިކަން ނުވަތަ މުދަލެއްގެ މިލްކުވެރިކަން ނުވަތަ އޭގެ ލީގަލް ޓައިޓަލް ނަގުދު ކުރިކަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މުދަލުގެ އަސްލު މިލްކުވެރިކަން އޮތް ފަރާތަކީ މި މައްސަލަ އިސްތިނާފު ކުރި، ޑރ. ޒާހިރު ކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އޭގެ އަސްލު މިލްކުވެރިކަން އޮތް ފަރާތުން، ޑރ.ޒާހިރު ވިއްކި ކަމުގެ އިންސްޓްރޫމެންޓެއް، އެސައިން ކުރި ކަމުގެ އިންސްޓްރޫމެންޓެއް ނުވަތަ ދިން ކަމުގެ ނުވަތަ ތަރިކައިގެ ގޮތުން ނަމަވެސް ވާރުތަވިކަމުގެ އިންސްޓްރޫމެންޓް ނެތިސް 1979 ގައި މީހަކު ފަށާފައި އޮތް ވިޔަފާރިއެއް ނުވަތަ ކުރަންފަށާފައި އޮތް މަސައްކަތެއް ނުވަތަ މުދަލެއް، އޭގެ މިލްކުވެރިކަން 1983 ވަނަ އަހަރު އުފެއްދި އެއްބަސްވުމެއްގެ ދަށުން އެހެން ގާނޫނީ ޝަހުސަކަށް މިލްކުވިތޯ ނޫންތޯ އެކަން ސާބިތުނުވާ ކަމަށް އަޅުގަނޑު މިދަންނަވަނީ،،"

އޭނާ ވިދާޅުވީ އެއްބަސްވުމުން ދޭހަވަނީ ވިޔަފާރިއެއް ހިންގުމަކީ އެވިޔަފާރީގެ މިލްކުވެރިކަން މުތުލަގަށް ދަލީލުކޮށްދޭ ކަމެއް ނޫން ކަމަށެވެ.

"މިސާލެއްގެ ގޮތުން، މީހެއްގެ ކާރެއް ނުވަތަ ޕިކަޕެއް ނުވަތަ މަސްދޯންޏެއްވެސް ވިޔަފާރީގެ އުސޫލުން އެހެން މީހަކާ ހިންގަން ހަވާލު ކުރެވިދާނެ. އޭގެ އެއްވެސް މާނައެއް ނޫން އެހާ ހިސާބުން އެ ދޯންޏާއި ދޯނީގައި އަޅާފައި ހުރި އިންޖީނުގެ މިލްކުވެރި ފަރާތަކީ އެދޯނި ދުއްވާ ފަރާތް ކަމަށް ނުވާނެ. ދެފަރާތުން އެއްބަސްވެވޭ ވިޔަފާރި އުސޫލަކުން ދޯނި ދުއްވައިގެން ލިބޭ އާމްދަނީއަށް، ހިއްސާވާގޮތަށް ކަމެއް ކުރެވިދާނެ. ކާރު ޓެކްސީ ޕިކަޕްފަދަ ތަކެތި ވެސް އެސޫލުން ހިންގާ، ހަމަ އެގޮތަށް ދިވެހިރާއްޖޭގެ ޓޫރިސްޓް ރިސޯޓުތައްވެސް އެއްފަރާތުން އޯންކޮށްފަ، އެހެންފަރާތަކުން އެތަން ހިންގައި މެނޭޖުކުރާ ގޮތަށް އެރޭޖްމެންޓްތައް އެބަހުރި. ނަމަވެސް އެއީ ރިސޯޓުގެ މިލްކުވެރިފަރާތަކީ ހިންގަން އެޕޮއިންޓްކުރާ ރިސޯޓް މެނޭޖަރު،" ހަމަޖެހިގެންދާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މުދަލުގެ މިލްކުވެރިކަން ނަގުލުކުރާ ވާހަކަ އެ އެއްބަސްވުމުގައިވެސް ބުނެފައިނުވާ ކަމަށެވެ. އެ އެއްބަސްވުމުގައި ވާގޮތުން ކުރަންޖެހޭ މަސައްކަތަކީ ނޫސް ނެރުމާއި އަމާޒު މަޖައްލާ ނެރުމާއި ޗާޕްހާނާ ހިންގައި އެކަންތައް މެނޭޖު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން، އެޖެންސީގެ ފައުންޑާ މެންބަރުންގެ ބޯޑުން މެންބަރަކު ވަކިވާން އެދިގެން ވަކިވާ ހާލަތުގައި، ނޫސް އެޖެންސީން މުދަލުގެ ގޮތުގައި އެއްވެސް އެއްޗެއް ދޭން ނުޖެހޭ ކަމަށެވެ.

"އެއްބަސްވުމުގައި ބުނޭ މިލްކިއްޔާތުގައި ހުރި ހުރިހާ ފައިސާ އާއި މުދަލަކީ ފައުންޑާ މެންބަރުންގެ ހަމަހަމަ މިލްކެކޭ، ސުވާލަކީ އެޖެންސީގެ މިލްކުގަ އޮތީ ކޯއްޗެއް ހެއްޔޭ. ހަވީރު ނޫހަކީ އަދި ޗާޕުހާނާއަކީ މި އެއްބަސްވުން ވުޖޫދަށް އައުމުގެ ކުރިން ވެސް ހިނގަމުން އައި ތަންތަން އޭގެ މިލްކުވެރިކަން ބަދަލުކުރިކަމުގެ ނުވަތަ ވިއްކި ކަމުގެ އިންސްޓުރޫމަންޓެއް ނެތް. އެ ނެތް ހާލަތެއްގައި ނޫސް އެޖެންސީގެ މިލްކިއްޔާތުގައި ހުރީ ކޯޗެއްތޯ ފުރަތަމަ ބަލާލަން ޖެހެނީ ގާނޫނީގޮތުން ސާބިތުކުރަން. ދެން އެބައޮތް އެޖެންސީގެ ހުރިހާ ފައިސާއެއް ހުންނަންވާނީ އެޖެންސީގެ ނަމުގައި ހުޅުވާ ބޭންކު އެކައުންޓެއްގައި ކަމަށް، އެހެންވީމަ ބޭންކު އެކައުންޓްގައި އޮތީ ކޮންފައިސާއެއްތޯ،" ސިރާޖު ވިދާޅުވިއެވެ.