ދ. މީދޫ މަސްދޯންޏެއްގައި ބަންގްލަދޭޝްގެ މުހައްމަދު ޝާހީން ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ އެ ގައުމުގެ މުހައްމަދު މަސްއޫދު ދައުވާއަށް ޖަވާބުދާރީވުން މިއަދުގެ އަޑުއެހުމުގައި ވެސް ކުރިއަށް ގެންދެވޭ ގޮތް ނުވެ އަޑުއެހުން ނިންމާލައިފި އެވެ.
މަސްއޫދުގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެފަސް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މި އަޑުއެހުމަކީ މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ގޮތެއް ނިންމުމާއި، ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ.
ދައުވާލިބޭ މަސްއޫދުއަށް ދައުލަތުގެ ފަރާތުން އައްޔަނު ކޮށްދީފައިވާ ވަކީލު މި އަޑުއެހުމުގައި ވިދާޅުވީ، މިހާރު ދައުވާ ލިބޭ ފަރާތުން އޭނާ ތަމްސީލު ކުރުމަށް އަމިއްލައަށް ވަކީލަކު އައްޔަނު ކޮށްފައިވާ ކަމަށާއި ދައުވާއަށް ޖަބާވުދާވާން އެނގޭނީވެސް ފަހުން އައްޔަނުކުރި ވަކީލަށް ކަމަށެވެ. ނަމަވެސް އެ ވަކީލު އައްޔަނުކުރިކަމުގެ ލިޔުން ކޯޓަށް ލިބިފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ޝަރީއަތުން ސުވާލުކުރުމުން މަސްއޫދު ވަނީ ކުރިއަށްދާން ބޭނުންވަނީ އަމިއްލައަށް އައްޔަނު ކުރި ވަކީލަކާއެކު ކަމަށް ބުނެފައެވެ. އެހެންވެ ގާޒީ ވަނީ އެ ފުރުސަތު އޭނާއަށް ދީފައެވެ. އާ ވަކީލާއެކު ކުރިއަށްދާން ބޭނުންވާތީ މިއަދުގެ އަޑުއެހުމުގައިވެސް ދައުވާއަށް ޖަވާބުދާރީވުން ކުރިއަށްގެންދެވިފައެއް ނުވެއެވެ.
މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. ނަމަވެސް ދީބާނާޒް ހައިކޯޓަށް ބަދަލުވެވަޑައިގެންނެވުމާ ގުޅިގެން މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާން އެވެ.
މި މައްސަަލައާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ 20 މެއި 2021 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު