ޚަބަރު

ކަޅުފަހަލަފުށީ މައްސަލަ: ހައިކޯޓުން ބާތިލްކުރި 22 މިލިއަން ޑޮލަރުގެ މައްސަލަ އަލުން ބަލަން އަންގައިފި

އިބްރާހިމް ޒަކީ

ތ.ކަޅުފަހަލަފުށީގެ މައްސަލައިގައި، އޭޝިއާ ރިސޯޓްސްއިން 22.4 މިލިޔަން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކުރި މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އަންގައިފިއެވެ.

މިއީ އޭޝިޔާ ރިސޯޓްސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާ ދެމެދު ފަހެއް މެއި 2005 ގައި ވެފައިވާ ލީސް އެގްރީމެންޓްގެ ދަށުން ތ. ކަޅުފަހަލަފުށީގެ ކުލީގެ ގޮތުގައި 2009 އިން ފެށިގެން އަށެއް ފެބްރުއަރީ 2015 ގެ ނިޔަލަށް ދައްކަންޖެހޭ 11.1 މިލިޔަން ޑޮލަރާއި، ކުލި ނުދެއްލުމުން ޖޫރިމަނާ އާއި އިންޓްރެސްޓްގެ ގޮތުގައި 27 މާޗް 2018 ގެ ނިޔަލަށް އަރާފައިވާ 11.3 މިލިތަން ޑޮލަރާއެކު ޖުމްލަ 22.4 މިލިޔން ޑޮލަރާއި އެ ފައިސާ ދައްކާ ހަލާސް ކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާ އާއި އިންޓްރެސްޓްގެ ފައިސާ ދައުލަތަށް ލިބުމަށް އެދި ހުށަހެޅި ދައުވާއެކެވެ.

މި މައްސަލައިގައި ސިވިލްކޯޓުން ހުކުމްކުރީ، 22.4 މިލިޔަން ޑޮލަރަކީ އޭޝިޔާ ރިސޯޓްއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ އެކަމަށެވެ. ނަމަވެސް އެ ހުކުމް އޭޝިޔާ ރިސޯޓުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެފަރާތުން ބުނެފައި ވަނީ، ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އޭޝިއާ ރިސޯޓްސް އުވާލުމުގެ މަސައްކަތް ކުރުމަށް، ލިކްއިޑޭޓަރަކު އައްޔަން ކުރުމުން، ކުންފުނި އުވާލުމުގެ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު އުވާލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން އެފަރާތުގެ މައްޗަށް އިތުރު ދަރަންޏެއް ސާބިތު ކޮށްފައި ވަނީ ކުންފުންޏާބެހޭ ގާނޫނުގެ ސަރީހަ ނައްސާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެއީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން މިހާރު އުވިފައިވާ ކުންފުންޏެއް ކަމަށް ކަނޑައޅައިދިނުމަށް އެފަރާތުން ހައިކޯޓުގައި ވަނީ އެދިފައެވެ.

މި މައްސަލައިގައި ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަމުން ކުރި ހުކުމުގައި ވަނީ، އޭޝިޔާ ރިސޯޓްސް އުވާލުމާބެހޭގޮތުން ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން އެ ކުންފުނީގެ މައްޗަށް ގާނޫނީ އިލްތިމާޒްތަކެއް މަތި ކުރުމަކީ އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމަށް އަސަރުކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ސިވިލްކޯޓުން ކުރި ހުކުމް ބާތިލްކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

ހައިކޯޓުގެ މިހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، މި މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހެނީ ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ދައުލަތުން ދައުވާ ކުރާ ފައިސާއަކީ ނަގައިދެވިދާނެ ފައިސާއެއްތޯ، ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށެވެ. ހައިކޯޓުން މި މައްސަލަ ނިންމާފައި ވަނީ، ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ނުވަތަ އިސްތިއުނާފު ޖަވާބުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ނުވަތަ ޝަރީއަތް މެދުވެރިކޮށް ހޯދަން އެދުނު ފަރުވާގެ މައްޗަށް ނޫންކަން، ދައުލަތުންވެސް، އޭޝިޔާ ރިސޯޓުން ވެސް ބުނާކަމަށް ހުކުމުގައި ވެއެވެ.

އެހެންކަމުން މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، މި މައްސަލަ ހައިކޯޓުން އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.