ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މއ. ހަނީސަކްލް/ ހުސައިން ޝިފާއު 37އ ބަންދުން ދޫކޮށްލައިފިއެވެ.

ސައްހަ ނޫން ޓީޓީ ފޮނުވައިގެން ރާއްޖޭން ބޭރުގެ އެކި ކުންފުނިތަކުން މޭވާއާއި ތަރުކާރީ އެތެރެކުރި މައްސަލާގައި ޝިފާއު ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން ދިނީ 30 ދުވަހެވެ. އެ 30 ދުވަސް މިއަދަށް ހަމަވާތީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ރޭ ހާޒިރުކުރުމުން، ފުލުހުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލައި، ކޯޓުން ވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ، އޭނާ ބަންދުން ދޫކޮށްލައިފައެވެ.

ޕީޖީ އޮފީހުން އޭނާއަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ.

އެގޮތުން މި މައްސަލާގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.