ޚަބަރު

ސިޔާސީ ކުލަތައް ދޫކޮށްލާފައި ގައުމީ ވިސްނުމަށް ޖާގަ ދޭން ޖެހޭ: ނާޒިމް

މުހައްމަދު އިޝާން

1

ސިޔާސީ ޕާޓީތަކުން އެ ޕާޓީގެ ކުލަތައް ދޫކޮށްލާފައި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ގައުމީ ވިސްނުމަށް ޖާގަ ދޭން ޖެހޭކަމަށް އެމްއެންޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމްއާ ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ 30 އަހަރުވަންދެން ގައުމީ މަސައްކަތުގައި އުޅުއްވުމަށްފަހު ގައުމުގެ އެންމެ މަތީ މަގާމަށް ކުރިމަތިލާ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާއަށް އެންމެ ގިނައިން އަމާޒުވާ ސުވާލަކީ ސިޔާސީ މައިދާނުގައި މިހާރު ހަރަކާތްތެރިވާ އެމްއެންޕީއަށް ވުރެ ބޮޑު ޕާޓީތަކާ ވާދަކުރާނެ ގޮތާ މެދު ކުރެވޭ ސުވާލު ކަމަށާއި އެ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށެވެ.

ނާޒިމް ވިދާޅުވީ މީގެ ކުރިން ޕާޓީތަކުން ކުރި ވެރިކަންތަކުގައި ރާއްޖެއަށް އެކަށީގެންވާ ޑިމޮކްރަސީއެއްގެ ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ޝަރުއީ ދާއިރާވެސް އެ ސަރުކާރުތަކުން މިނިވަންކޮށްފައި ނުވާ ކަމަށެވެ. އަދި އަދުލު އިންސާފު ލިބުމުގެ ބަދަލުގައި އަދުލުގެ ދާއިރާ ބަލިކަށިވުމުގެ އިތުރުން ކިޔަވައިގެން އަންނަ ދިވެހި ދަރިވަރަށް ބޭނުންވާ ވަޒީފާވެސް ވޭތުވެދިޔަ ސަރުކާރުތަން ހަމަޖައްސާފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ކުލަތައް ދޫކޮށްލައްވާ، ގައުމީ ވިސްނުމަކަށް ޖާގަ ދެއްވާ. ތައުލީމީ ވިސްނުންތަކާ އިލްމީ ހައްލުތަކަށް ޖާގަ ދެއްވާ. ދިވެހި ސިކުނޑިތައް ގެންނަ ދިވެހި ހައްލުތަކައް މިއަދު އަޅުގަނޑުމެން އެބަ ނުކުންނަން ޖެހޭ. ލޮބުވެތި އަހުންނާއި އުހުތުން، ދިވެހީންގެ އުއްމީދު އެބައޮތް، ހުވަފެންތަކެއް އެބަހުރި. އަދި ހަމަ އެފަދައިން ދިވެހި ގައުމާ ދޭތެރޭގައި އަޅުގަނޑުގެ ތަސައްވަރެއް އެބައޮތް. ސިޔާސީ މަސްލަހަތަށްވުރެ މަތީ ގައުމީ ވިސްނުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އަގުބޮޑު ރިސޯޓުތައް ރާއްޖޭގައި ހުއްޓަސް ދިވެހި އާއިލާތައް ނިދައި، ކައިބޮއި އަދި ކައްކާ ހަދަނީ އެއް ކޮޓަރީގައި ކަމަށާއި ޓޫރިޒަމް ދާއިރާގެ އިސް މަގާމުތަކުގައި ބޮޑު މުސާރަ ދީފައި ތިބީ ބިދޭސީން ކަމަށެވެ. އަދި ދިވެހިން ތިބީ ރޫމް ބޯއިންގެ ގޮތުގައި ކަމަށާއި ދުނިޔޭގެ އެންމެ އަގުބޮޑު ޖަވާހިރުތައް މައިންކުރާ ތަންތަން ބޭރުގެ މީހުންނަށް ދީގެން އުޅޭ އެފްރިކާގެ ގައުމުތަކާ ރާއްޖެއާ ތަފާތެއް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ނުކިޔައި، ކަސްތޮޅުތަކުން މިނިވަންވެ ހުރި ޒުވާނުންނަށް ވަޒީފާ ލިބި އަދި ތައުލީމީ ދަރިންނަށް ވަޒީފާ ކަށަވަރުވާންޖެހޭ ކަމަށެވެ. އަދި ދިވެހި މަސްކަނޑުތަކަކީ ދިވެހިންގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ހަދަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކަނޑުގެ ސަރަހައްދު ވިއްކާލާފައި، ފަހުން އައިސް މައާފަށް އެދުނަސް، އެކަން ދިވެހި ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ބޯހިޔާވަހިވުމަށް ލިބޭ ގެދޮރަކީ ދަރަނިވެރިވެ މުސްކުޅިވާ ދުވަހުން ލިބެންޖެހޭ ތަނެއް ނޫން ކަމަށާއި ކަރަންޓާއި ފެން ފޯރުކޮށްދިނުމަކީ ސަރުކާރަށް ބުރައަކަށް ވެގެންނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟