Close
ޚަބަރު

އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމްއާ ހަވާލުކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓު، އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާ ހަވާލުކޮށްފިއެވެ.

ނާޒިމްއާ ރިޔާސީ ޓިކެޓު ހަވާލުކުރީ އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްގެންދާ ރަސްމިއްޔާތެއްގައެވެ. ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގެން، ނާޒިމްގެ ރިޔާސީ އިންތިހާބުގެ ލޯގާ އަދި ޝިއާރު ލޯންޗުކުރުމަށްފަހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރަސްމީކޮށް ފަށައިފައެވެ. ނާޒިމްގެ ރިޔާސީ އިންތިހާބުގެ ޝިއާރަކީ "އުޖާލާޒަމާން" އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ 14 ވަނަ ދުވަހަށެވެ. އެ މުއްދަތު ހަމަވި އިރު، ޕްރައިމަރީގައި ވާދަކުރަން ހުށަހަޅުއްވާފައިވަނީ ހަމައެކަނި ނާޒިމެވެ.

އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 9،838 އެވެ.