ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުނު އެރަށު ނައީމާ މޫސާ، 62އ، މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރު ފުލުހުން ހޯދައިފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ހަތިޔާރު ހޯދިފައިވާ ކަމަށެވެ. އަދި ނައީމާއަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދިފައިވާ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ. ކޮމިޝަނަރު ހަމީދު ވިދާޅުވީ އަންނައުނު ހޯދީ ވަޅުގަނޑު ކޮނެގެން ކަމަށެވެ.
ހަމީދު މިރޭ ތަންކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިމާގެ މަރުގެ މައްސަލައިގެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ހެކި ހުރިކަމަށް ބެލެވޭ ތަނެއް ބަލައި ފާސްކުރަމުންދާ ކަމަށްވެސް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދު ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރާއި، އެ މީހުން ހައްޔަރުކުރި ވަކި ދުވަހެއް ކޮމިޝަނަރު ހާމަކޮށްފައެއް ނުވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ 20 އަހަރާއި 25 އަހަރުގެ ދެ ދިވެހިންނެވެ. އަދި އެ ދެ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ރެކޯޑެއް އޮތް ދެ މީހުން ކަންވެސް "ވަން"އަށް ވަނީ އިތުބާރު ހުރި ގޮތަކަށް އެނގިފައެވެ. އެ ދެ މީހުން ހައްޔަރުކޮށް، އެ ރަށުން މިހާރު ފުލުހުން ބަލައި ފާސްކުރަމުންދަނީ މާމިސްކިތުގެ ވެޔޮ ސަރަހައްދު ކަމަށްވެސް "ވަން"އަށް ވަނީ ޔަގީންވެފައެވެ.
މަނަދޫގައި އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމުތަކެއް ހުރިކަން ވަނީ އެނގިފައެވެ.
ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި އޭނާ މަރާލީ ސިހުރުގެ ކަމަކާ ގުޅިގެންކަމަށް އެރަށު ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އޭނާގެ މަރުގެ މައްސަލައިގެ ތުހުމަތު، އެރަށު ބައެއް މީހުން ވަނީ އާއިލާ މީހުންނަށް ވެސް ކޮށްފައެވެ. ނަމަވެސް، އޭގެ އެއްވެސްކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން އެރަށު ހުރިހާ ރައްޔިތުން ޑީއެންއޭ ސާމްޕަލް ނަގަމުންދާކަން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން މީގެ ކުރިން ނުދެއެވެ.
މަރުގެ މައްސަލައާ ގުޅިގެން އެރަށު މީހުންގެ ޑީއެންއޭ ސާމްޕަލް ފުލުހުން ނެގީ ނައިމާގެ ގޮށްމުށުގެ ތެރޭގައި އިސްތަށިތަކެއް އޮތުމާ ގުޅިގެންނެވެ.