Close
ޓޮޓެންހަމް ހޮޓްސްޕާ

ކޯޗުކަން ކޮށްދިން ކްލަބުތަކުގެ ތެރެއިން "ހިތާއި ހިތުގެ ގުޅުމެއް ނެތީ" ޓޮޓެންހަމަށް!

މީގެ ކުރިން ކޯޗުކަން ކޮށްދިން ކްލަބުތަކުގެ ތެރެއިން ހިތާއި ހިތުން އެއްވެސް ގުޅުމެއް ނުއުފެދި އޮތީ ޓޮޓެންހަމްއާ އެކަނި ކަމަށް ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

މިވަގުތު ރޯމާގެ ކޯޗުކަމުގައި ހުރި މޮރީނިއޯ، ރޯމާއާ ހަވާލުވުމުގެ ކުރިން ކޯޗުކަން ކޮށްދިނީ ޓޮޓެންހަމަށެވެ. އޭނާ ޓޮޓެންހަމްގެ ކޯޗުކަމުން ދުރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. މޮރީނިއޯ ވަނީ ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި 17 މަސް ދުވަސް ހޭދަކޮށްފައެވެ.

"އަހަރެން އުންމީދުކުރަން ޓޮޓެންހަމް ސަޕޯޓަރުން މި ވާހަކަ ގޯސްކޮށް ނުނަގާނެ ކަމަށް. އެކަމަކު އެ ކްލަބަކީ އަހަންނަށް ހިތުގެ އަޑިން ގުޅިފައި ނުވާ ހަމައެކަނި ކްލަބު. ކުރިން ކޯޗުކަންކޮށްދިން ކްލަބުތަކަށް އެހެން ތަފާތު ލޯތްބެއް ހިތުގައި އޮވޭ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އަކީ ޓޮޓެންހަމަށް ކޯޗުކަން ކޮށްދިނުމުގެ ކުރިން ޕޯޓޯއާއި ޗެލްސީގެ އިތުރުން އިންޓަ މިލާނާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދީފައިވާ ކާމިޔާބު ކޯޗެކެވެ. ޓޮޓެންހަމް ފިޔަވައި ދެން މޮރީނިއޯ ކޯޗުކަން ކޮށްދިން ކްލަބުތަކުގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދިއެވެ.

"(ޓޮޓެންހަމްއަށް ލޯތްބެއް ނެތީ) ސްޓޭޑިއަމަށް ސަޕޯޓަރުން ނުވައްދައި ކުޅުނު ދުވަސްވަރު ކަމަށްވުމުން ކަމަށްވެސް ވެދާނެ. ނޫނީ ކްލަބުގެ ޗެއާމަން ލެވީ އަހަންނަށް ތަށްޓެއް ހޯދަން، ފައިނަލެއް ކާމިޔާބުކުރަން ފުރުސަތު ނުދިނުމަކީވެސް ސަބަބެއް ކަމަށް ވެދާނެ،" މޮރީނިއޯ އިތުރަށް ބުންޏެވެ.

ޓޮޓެންހަމްގައި މޮރީނިއޯ ހޭދަކުރި ދުވަސްތައް ނިމިގެންދިޔައީ ހިތިކޮށެވެ. ކްލަބުން އޭނާ މަގާމުން ދުރުކުރީ ލީގު ކަޕްގެ ފައިނަލެއް ކުރިމަތީގައި އޮއްވައެވެ. އެފަހަރު ލީގު ކަޕް ފައިނަލުގައި ޓޮޓެންހަމުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުމެ ބަލިވީއެވެ. ފައިނަލް މެޗުގައި ޓޮޓެންހަމްގެ ކޯޗަކަށް ނުކުތީ ރަޔަން މޭސަންއެވެ. މޮރީނިއޯ ޓޮޓެންހަމް ދޫކޮށް ރޯމާއަށް މިހާރު ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ އިރު، މިދިޔަ އަހަރު އޭނާ ވަނީ ޔޫއެފާ ކޮންފަރެންސް ލީގުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިއަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައިވެސް ރޯމާ ކުޅޭނެއެވެ.