Close
ޚަބަރު

މިހުރީ ޒުވާނުންނާއެކު، ހާއްސަ ނުވޭ، ހުރިހާ ކަމެއް ހަމަޖެހޭނެ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަބަދުވެސް ތިބޭނީ ޒުވާނުންނާ އެކު ކަމަށާއި ޖޭޕީގެ ވެރިކަމެއްގައި ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމު އެގޮތަށް ވިދާޅުވީ، "ފުރަވީރުން"ގެ ނަމުގައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޝޯގައި ވާހަކަދައްކަވަމުންނެވެ. އެ ޝޯއަކީ ގާސިމުގެ އަނބިކަނބަލުން އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ އިސްކޮށް ހުންނަވައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އިންތިޒާމު ކުރެއްވި ޝޯ އެކެވެ.

ގިނަ އަދަދެއްގެ ޒުވާނުންނާއި އާއިލާތައް ބައިވެރިވި އެ ޝޯގައި ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ކަމަށާއި އެކަން ކުރަން ބޭނުންވާ މީހަކު އަބަދުވެސް ތިބޭނީ ޒުވާނުންނާއި ޅަކުދިންނާ އެކުގައި ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލަކީ މިއަދުގެ ކުޑަކުދިން ކަމަށްވާއިރު، އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ އެކު އެ ކުދިންނާ ގައުމު ހަވާލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

“ޒުވާނުންނާ އެކީގައި އަޅުގަނޑު ހުރި ވާހަކަ ދަންނަވާލަމުން ތިބޭފުޅުން ހާސްކަނޑާލައްވާށޭ. ބޭނުންފުޅުވާ ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ،” ނަހުލާ ކައިރީގައި ހުންނަވައިގެން ގާސިމު ވިދާޅުވިއެވެ.

ރޭ ބޭއްވި ޝޯގައި ރާއްޖެއާއި ބޭރުގެ ފަންނާނުންގެ ހުނަރު ފެނިގެންދިޔަ އިރު، ޝޯގެ ތެރެއިން ހަވާވެސް އަރުވާފައިވެއެވެ.