Close
ޚަބަރު

ސިނަމާލެ ފުލެޓުތައް ތަޅާލައި، އަލުން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

މުހައްމަދު އިޝާން

ސިނަމާލެ ފުލެޓުތައް ތަޅާލައި، އަލުން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ "ސިނަމާލެ ރީޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އެ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށްގެންދަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.

"ސިނަމާލެ ރީޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަންވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ކުންފުންޏެއް ނަމަ، ބިޑް ސެކިއުރެޓީގެ ގޮތުގައި 300،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށާއި އަދި މަސައްކަތަށް ކުރިމަތިލާ ކުންފުންޏަކީ ބޭރު ކުންފުންޏެއް ނަމަ، ބިޑް ސެކިއުރެޓީގެ ގޮތުގައި 25،000 ޑޮލަރު ދައްކަންވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގަައި "ސިނަމާލެ ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ކަރުދާހަށް ވާހަކަދައްކަވަމުން އެ ކައުންސިލުގެ ފައިނޭންޝިއަލް މެނޭޖަރު ޑރ. މުހައްމަދު ޝާހިދު ވިދާޅުވެފައިވަނީ ސިނަމާލެ އިމާރާތަށް މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެތަން ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން ބޮޑު އަދަދެއްގެ ހަރަދެއް ކައުންސިލުން ކުރަންޖެހޭ ކަމަށެވެ.

ޑރ. ޝާހިދު ވިދާޅުވެފައިވަނީ ސިނަމާލެ ފުލެޓުތައް އެންމެ ފަހުން މެއިންޓެއިންސް ކުރި އިރު، ފަސް މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ.

ސިނަމާލެ ފުލެޓުތައް ތަޅާލައި އަލުން އިމާރަތްކުރަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި އިމާރާތްކުރާ 700 އެޕާޓްމެންޓުގެ ތެރެއިން 128 އެޕާޓްމެންޓް ހާއްސަ ކުރާނީ މިހާރު ވެސް ސިނަމާލެ ފްލެޓް ލިބިފައިވާ މީހުން ރީލޮކޭޓް ކުރުމަށް ކަމަށާއި އެއަށްފަހު ދެވަނަ ފޭސްގައި ހެދުމަށް ހަމަޖެހިފައިވަނީ 800 އެޕާޓްމެންޓު ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

"ސިނަމާލެ ރީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ވަނީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގަައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ސިނަމާލެ ފުލެޓަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ޗައިނާގެ އެހީގައި އިމާރަތްކުރި ފުލެޓުތަކެކެވެ.