މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލުން މިއަދު ބުނީ އެކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 އިން އޮގަސްޓު 30 ގެ ނިޔަލަށް ކަމަށެވެ. އަދި ސާނަވީ އާއި މަތީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދ،ީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މިމަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޕީއެލުން ބުނީ މި ޕްރޮގްރާމުގެ ބޭނުމަކީ އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ދާއިރާއަށް ދަރިވަރުން އަހުލުވެރިކޮށް މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކޮށް ޕޯޓުގައި ކުރާ މަސައްކަތްތަކާ މެދު ދަރިވަރުން އަހުލުވެރިކުރުވުން ކަމަށެވެ.

  • މެކޭނިކަލް އިންޖިނިއަރިން
  • ސިވިލް އިންޖިނިއަރިން
  • މެރިން އިންޖިނިއަރިން
  • އިލެކްޓްރިކަލް އިންޖިނިއަރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ބިޒްނަސް ޑިވެލޮޕްމަންޓް
  • މާކެޓިން

އެމްޕީއެލުން ބުނީ މި ޕްރޮގްރާމަށް ހޮވޭ ދަރިވަރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާ އިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓާއެއް ހަމަޖައްސާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތު ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް މިމަހުގެ 31 ގެ ކުރިން އެޕްލިކޭޝަން ފޯމު ފޮނުވުމަށް އެމްޕީއެލުން އެދެއެވެ. އެ އެޕްލިކޭޝަން ފޯމު، https://rb.gy/uv2s0 އިން ޑައުންލޯޑް ކުރެވޭނެއެވެ.