އުމުރުން 39 އަހަރުގެ މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ، ޖަޕާނުގެ ވިސެލް ކޯބް ދޫކޮށްލަން ނިންމައިފިއެވެ.
ކުރިން ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި ލެޖެންޑް އިނިއެސްޓާ ޖަޕާންގެ ވިސެލް ކޯބް ދޫކޮށްލަން ނިންމާފައިވަނީ ފަސް އަހަރު ކްލަބުގައި ހޭދަކުރުމަށްފަހުއެވެ. އިނިއެސްޓާ މި އަންނަ މަހަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވަނީ ޖަޕާން ލީގުގެ މެދުތެރެއިންނެވެ.
އިނިއެސްޓާ މި ސީޒަންގައި ވިސެލް ކޯބަށް ފުލް 11 ގައި ނުކުމެ އަދި މެޗެއް ކުޅެފައެއް ނުވެއެވެ. މުޅިންވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ސީޒަނުގައި އިނިއެސްޓާ ފެނިގެން ގޮސްފައިވާ އިރު، އޭނާ ބުނީ ވިސެލް ކޯބް ދޫކޮށްލުމަށްފަހުވެސް ކެރިއަރު ނިންމާލަން ގަސްދުނުކުރާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ ވިސެލް ކޯބާއެކު ބާކީ އޮތް ދުވަސްތައް އެންމެ ރަނގަޅަށް ހޭދަކުރަން. އަހަރެން އަދި އިތުރަށް ކުޅުމަށްފަހު ރިޓަޔާ ކުރާނީ. އެކްޓިވްކޮށް ހުރެ އަދި އިތުރަށް ކުޅެފައި ރިޓަޔާ ކުރަން ބޭނުންވަނީ. އެކަން ކުރަން އުނދަގޫ ޖަޕާނުގައި ހުރެގެން،" އިނިއެސްޓާ ބުންޏެވެ.
އިނިއެސްޓާ ވިސެލް ކޯބާ ގުޅިފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހުން އެ ކްލަބަށް އޭނާ 133 މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ ކްލަބާއެކު 2019 ވަނަ އަހަރު ޖަޕާންގެ އެމްޕެރާ ކަޕް އަދި ޖަޕަނީސް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.
އިނިއެސްޓާ ބުނީ ވިސެލް ކޯބްގައި ރިޓަޔާކުރަން ވިސްނައިގެން ހުރި ނަމަވެސް، ކޯޗު ފުރުސަތު ނުދޭން ފެށުމުން އެކަން ކުރަން އުނދަގޫވެފައިވާ ކަމަށާއި ކްލަބު ދޫކޮށްލުމަށްފަހު އާ ވިސްނުމަކަށް ދާނެ ކަމަށެވެ.
އިނިއެސްޓާއަކީ ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބާސެލޯނާގައި 22 އަހަރުގެ ދިގު ކެރިއަރެއް ހޭދަކޮށް، 32 ޓްރޮފީ ކްލަބާއެކު ހޯދައިފައެވެ. ސްޕެއިން ގައުމީ ޓީމާ އެކު ވޯލްޑް ކަޕާއި ޔޫރޯވެސް ހޯދި އިނިއެސްޓާ ވަނީ ބާސާ ޖާޒީގައި 674 މެޗު ކުޅެފައެވެ.
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން