ޖަޕާނުގެ ފުޖީ ފަރުބަދައަށް އަރަމުންދިޔަ އުމުރުން ހަތް އަހަރުގެ ކުއްޖަކު އެކަނި ބެހެއްޓުމަށްފަހު ދަތުރު ކުރިއަށްގެންދިޔަ ބައްޕަޔަކަށް އެ ގައުމުގެ ފުލުހުން ފިޔަވަޅު އަޅައިފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ހިނގި މި ހާދިސާގައި، އުމުރުން 48 އަހަރުގެ ބައްޕަޔަކު އޭނާގެ ހަތް އަހަރުގެ ދަރިފުޅު އެކަނި ބެހެއްޓީ ފަރުބަދައިގެ ހަވަނަ ސްޓޭޝަންގައެވެ. އެއީ ގާތްގަނޑަކަށް 2،000 މީޓަރު މަތީގައެވެ.
ފުޖިނޯމިޔާ ޓްރެއިލް އިން ފަރުބަދައަށް އަރަމުންދަނިކޮށް، ފަތިހު 4:30 ހާއިރު އެ ކުއްޖާ އެކަނި ބެހެއްޓުމަށްފަހު، އޭނާގެ 12 އަހަރުގެ ދޮށީ ދަރިފުޅާއެކު ބައްޕަ ވަނީ ފަރުބަދައިގެ ކުރިއަށް ދަތުރު ފަށައިފައެވެ. ކުއްޖާ ބަހައްޓާފައި ހުރީ ހަމައެކަނި ބޯނެ އެއްޗަކާއި ކުޑަ ކާއެއްޗެއް ދިނުމަށްފަހުގައެވެ.
ބައްޕަ ފުލުހުންނަށް ކިޔައިދިން ގޮތުގައި، ކުއްޖާ އެކަނި ބެހެއްޓީ ފަރުބަދައަށް އެރުމުގެ ތެރޭގައި ކުއްޖާ މާބޮޑަށް ވަރުބަލިވުމުންނެވެ. އެއީ އަވަސްއަރައިގަނެގެން ނިންމުނު ގޯސް ނިންމުމެއް ކަމަށް ބުނެ، އޭނާ ވަނީ އެކަމާ ހިތާމަކުރާ ކަމަށް ބުނެފައެވެ. ހަވަނަ ސްޓޭޝަނުން ފެށިގެން ފަރުބަދައިގެ އެންމެ މައްޗަށް ގޮސްފައި އެނބުރި އައުމަށް ގާތްގަނޑަކަށް ހަތް ގަޑިއިރާއި ބައި ނަގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުޖީ ފަރުބަދައިގެ ހަޓެއްގައި މަސައްކަތްކުރާ މީހަކަށް އެ ކުއްޖާ ފެނިފައިވަނީ ހެނދުނު 7:40 ހާއިރުއެވެ. ކުއްޖާ ފެނުނުއިރު، މޫސުން ގޯސްވެ ވާރޭވެހެމުންދިޔަ ނަމަވެސް، ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އޭނާ ފުލުހުންނަށް ގުޅުމުން، ފުލުހުން ވަނީ ފަރުބަދައިގެ 8 ވަނަ ސްޓޭޝަނާ ހަމައަށް ގޮސްހުރި ބައްޕަ ހޯދައި، އަނބުރާ އައުމަށް އަންގައިފައެވެ. 8 ވަނަ ސްޓޭޝަނަކީ ކުއްޖާ ހުރި ހިސާބުން ފެށިގެން ގާތްގަނޑަކަށް ތިން ގަޑިއިރުގެ ރާސްތާއެކެވެ.
ފުލުހުން ބުނި ގޮތުގައި، ދަތުރު ހުއްޓާލަން ޖެހުނު ނަމަވެސް ކުޑަކުއްޖަކު އެކަނި ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިހާރު އެ ކުއްޖާ ވަނީ ސަލާމަތްތެރިކަމާއެކު އާއިލާއާ ހަވާލުކޮށްފައެވެ.
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން
ކޮމެންޓް