ޖަޕާނުން ދިވެހިރާއްޖެއަށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ސްކޮލަޝިޕް މަޝްރޫއަށް އެއް މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދީފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން 2026 ވަނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަޝިޕް ފުރުސަތު ދީ، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން (1,020,134 އެމެރިކާ ޑޮލަރު) ދޭނެ ކަމަށެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސޮމަދުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދޭ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާ ކަމަށެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖުތިިމާއީ އަދި އިގުތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުން ކަމަށެވެ

މި ޕްރޮގްރާމްގެ ދަށުން 17 ދަރިވަރުން ދަސްވެނިވެފައިވާ އިރު، މިހާރު ޖަޕާނުގައި 9 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ކަމަށެވެ.